ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީއަށް ވީޓީވީ އާއި ދިޓީވީ ހާޒިރުކުރި ކުރުމަކީ މީޑިއާ ފަހަތަށް ޖައްސައި ބިރުދެއްކުމުގެ ގޮތުން ކުރި ކަމެއް ނޫން ކަމަށް އެ ކޮމިޓީން ބުނެފި އެވެ.


މަޖިލީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، ދި ޓީވީ އާއި ވީޓީވީގެ ބޭފުޅުން މަޖިލީހުގެ އާއްމު ކޮމިޓީއަށް ހާޒިރުކުރީ އެ ދެ ޗެނަލުން ޖަލްސާތައް ދައްކާއިރު ހުއްދަދެވިފައިވާ މިންގަނޑުތަކާ ޚިލާފަށް، މެންބަރުންގެ އިމްތިޔާޒަށާއި އަބުރާއި ޢިއްޒަތަށް ހުތުރުވާގޮތަށް އެޑިޓްކޮށްގެން ޖަލްސާތަކުގެ ރިކޯޑިން ދައްކަމުންދާ ކަމަށް ބުނެ ކޮމިޓީއަށް މެމްބަރަކު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކަމަށެވެ.


ނަމަވެސް، އާއްމު ކޮމިޓީއަށް ދި ޓީވީ އާއި ވީ ޓީވީ ހާޒިރުކުރި ކުރުމަކީ "މީޑިއާ ފަހަތަށް ޖައްސައި ބިރުދެއްކުމުގެ ގޮތުން" ކުރި ކަމެއް ކަމުގައި ބުނެ މި މަހުގެ 20 ވަނަ ދުވަހު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނޫސްބަޔާނެއް ނެރުމަކީ އެ ކޮމިޓީން ވަރަށް ކަންބޮޑުވެ، ކުށްވެރިކުރާ ކަމެއް ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.


އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަން ހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭ ގޮތަށް ރިޕޯޓުކުރާ ފަރާތަކާ މެދު އެއްވެސް ދަޢުވާއެއްކޮށް އަދި އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެކަމުގައި ބަޔާންވެގެންވާ އިރު، "މިފަދަ އިމްތިޔާޒުތަކެއް ޤާނޫނު އަސާސީން ލިބިދީފައިވާ ބަޔަކާ މެދު، ތުހުމަތުކުރެވޭ މައްސަލައެއް މިކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ދި ޓީވީއާއި ވީޓީވީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރި ކުރުމަކީ އެއްވެސް މާނައެއްގައި މިޑިއާ ފަހަތަށް ޖައްސައި މިޑީއާގެ މިނިވަންކަމަށް ފިއްތުންތަކެއް ކުރިމަތި ކުރުވީކަމުގައި ބުނުމަކީ އެއްވެސް ގޮތަކަށް ޤަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނޭ ކަމެއް ނޫން" ކަމަށެވެ.


އަދި އާއްމު ކޮމިޓީއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ އެ ކޮމިޓީގެ މެންބަރުންގެ ޒިންމާއެއް ކަމަށާއި އެ ކޮމިޓީގެ މަސްއޫލިއްޔަތަށް ހުރަސް އެޅުމަށް އެފަދަ ނޫސްބަޔާންތައް ނެރުމަކީ "ޤާނޫނު އަސާސީގެ މަފްހޫމްތަކާއި ޚިލާފަށް ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށް" އާންމު ކޮމެޓީގެ މުގައްރިރު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމު ރަޝާދު ސޮއިކުރައްވައި ނެރުއްވި ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


ރައްޔިތުންގެ މަޖިލީހަކީ މީޑިއާގެ ޝަކުވާތައް އަޑުއަހައި އެފަރާތްތައް ޖަވާބުދާރީކުރުވަން ޖެހޭ މުއައްސަސާއެއް ކަމަށާއި މަޖިލީހުގެ ގަދަރާއި ހައިބަތު ގެއްލޭގޮތަށް އެއްވެސް ފަރާތްތަކުން އަމަލުކޮށްގެން ނުވާނެކަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.


އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަފުޅުތައް އޭގެ އަސްލަށް ބަދަލު ނާންނަ ގޮތަށް އެޑިޓްކޮށްގެން ދެއްކުމަކީ އަދި ލިއުމަކީ ނޫސްވެރިކަމުގެ ހަމަތަކުން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުން އެކަމެއް ކުރި ބަޔަކު މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލުކޮށް ހެދުމަކީ ބިރުދެއްކުމެއް ކަމަށް ބުނެފަ އެވެ.