27 Apr 2014, 14:12
އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވެވުމަށް އަންނަ މަހުގެ 28ގައި ނަގާ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރަން މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު އިސްލާހުތަކަކާއެކު ފާސްކޮށްފި އެވެ.
އާންމު ކޮމެޓީން ފޮނުވި ރިޕޯޓު އިސްލާހުތަކަކާއެކު ފާސްކޮށްފައި ވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 48 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުން ހުށަހެޅި ހަ އިސްލާހުގެ ތެރެއިން އެންމެ އިސްލާހެއް ފިޔަވައި ހުރިހާ އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުގެ އަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮއްވެވުމަށް ނަގާ ވޯޓަކީ ސިއްރު ވޯޓެކެވެ.
އެ ވޯޓުގެ ސިއްރުކަން އިތުރަށް ކަށަވަރު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އެދިވަޑައިގަތުމަކަށް މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެނައުމަށް އާންމު ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ވަނީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮއްވެވުމަށް ނަގާ ސިއްރު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ނޫން އެއްވެސް ކުރެހުމެއް، ލިޔުމެއް ނުވަތަ ނިޝާނެއް ޖަހައިފިނަމަ އެ ވޯޓަކީ ބާތިލް ވޯޓެކެވެ.
ސިއްރު ވޯޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ މަޖިލީހުން ހޮއްވަވާ ފަސް މެމްބަރުންގެ ކޮމެޓީއަކުން ކަމަށާއި ވޯޓު ނަގައި ނިމުމުން ވޯޓުގެ ނަތީޖާ ޝީޓުގައި އެ މެމްބަރުން ސޮއި ކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގައިވެ އެވެ.