ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަންކަމުގެ މަގާމަށް އިތުރު ކެންޑިޓޭޓަކު ވާދަ ނުކުރާތީ ވޯޓަކާ ނުލައި އެމަގާމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ) ހަމަޖެހިއްޖެ އެވެ.

ކުރިއަށް އޮތް ދެއަހަރަށް ވިކްޓަރީ ސްޕޯޓްސް ކުލަބް ހިންގުމަށް ރޭ ސްޓެލްކޯގައި ބޭއްވި އިންތިހާބުގައިއެ ކްލަބުގެ ވައިސް ޗެއާމަން ކަމުގެ މަގާމަށް ދެ ބޭފުޅަކު ވަނީ އިންތިހާބު ކުރެވިފަ އެވެ. އަދި ބޯޑު މެމްބަރުކަމަށް ހޮވުމަށް ހަަމަ ޖެހިފައިވާ 10 ބޭފުޅުންގެ ތެރެއިން، ހަތް ބޭފުޅަކު ރޭ ވަނީ ބޯޑް މެންބަރުކަމަށް ވެސް އިންތިހާބު ކޮށްފަ އެވެ.

ވިކްޓަރީގެ ވައިސް ޗެއާމަން ކަމަށް ރޭ އިންތިހާބު ކުރެވުނު ދެ މެންބަރުންނަކީ، އެމަގާމަށް ހަމައެކަނި ކުރިމަތި ލައިފައިވާ އެކުލަބުގެ ކުޅުންތެރިއާ އަދި މެނޭޖަރު ޕެރިސް އަހުމަދު ނަސީމް އާއި އިސްމާއިލް ޝަފީގެވެ. އަދި މިދެބޭފުޅުންވެސް މަގާމަށް އިންތިހާބު ކުރެވިފައި ވަނީ ވޯޓަކާ ނުލައެވެ.

ވިކްޓަރީގެ ބޯޑަށް 10 މެމްބަރުން އިންތިހާބުކުރެެވެން އޮތް ނަމަވެސް، ބޯޑު މެމްބަރުކަމަށް ހަތް ބޭފުޅުން ކުރިމަތިލައްވާފައި އޮތުމުން އެ މަގާމްތަކަށް އިނތިހާބު ކުރެވުނު ހަތް ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގެންފައިވާ އަބްދުﷲ އަހުމަދާއި އަލްއުސްތާޒް މަޒްލާން ރަޝީދާއި އަޖުވަދު މުހައްމަދާއި އަހުމަދު ރިޔާޒް އާއި މިދިޔަ އަހަރުވެސް ވިކްޓަރީ ހިންގުމުގައި މުހިންމު ރޯލެއް އަދާކުރަމުންއާ ޑރ. އިބްރާހިމް ނާޝިދާއި އަހުމަދު އަރީޝް އަދި ވިކްޓަރީގެ ކުރީގެ ކުޅުންތެރިއާ އަދި އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އެވެ. މި ހަތް ބޭފުޅުން ވެސް މަގާމްތަކަށް އިންތިހާބު ވެފައި ވަނީ ވޯޓަކާ ނުލައެވެ.

ވިކްޓަރީގެ ވައިސް ޗެއާމަން ކަމަށް ރޭ އިންތިހާބުވި މެނޭޖަރު ޕެރިސް އަހުމަދު ނަސީމް، އެކުލަބަށް އަލަށް އިންތިހާބުވި ބޭފުޅުންނާއެކު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަދި އެ ބައްދަލުވުމުގައި ބޯޑް މެންބަރު ކަމަށް އިތުރަށް ހޮވަން ބޭނުން ވާ ތިން މެންބަރުންގެ ބައި އިލެކްޝަންއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.