27 Apr 2014, 13:04
ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ވަހީދުގެ ސަރުކާރުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ އަލްއުސްތާޒާ އާއިމިނަތު ރުކްޝާނާގެ ނަން އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވައިފި އެވެ.
ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް ވަހީދުގެ ސަރުކާރުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ އަލްއުސްތާޒާ އާއިމިނަތު ރުކްޝާނާގެ ނަން އަނބުރާ ގެންދަން ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައި މިވަނީ އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފައި ވަނިކޮށެވެ.
ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ރުކުޝާނާގެ ނަން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމަށް ފޮނުވީ، ކުރިން އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވ ސަހިންދާ އިސްމާއީލު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރަކުންނެވެ.
ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރުކްޝާނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައި ވަނީ ވެސް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ ކުރިން ހަމަ އެމަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ހަމަޖެއްސެވުމަށް، އޭނާގެ ނަން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ ނަން އަނބުރާ ގެންދަވާފަ އެވެ.
ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރީއްޔާ ފޮނުއްވި ރުކްޝާނާއާ ކޮމެޓީން އިންޓަވިއު ކުރެއްވުމަށް ފަހު އެކަމަނާ އަށް މެންބަރުން ދެއްވާފައި ވަނީ 75 ޕަސެންޓް މާކްސް އެވެ. އެހެން ކަމުން ކޮމެޓީން ފާސްކޮށްފައި ވަނީ ރުކުޝާނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ރުކްޝާނާގެ ނަން އަނބުރާ ގެންދަން ރައީސް ޔާމީން ހުށަހަޅުއްވާފައި ވަނީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެކަމާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ރުކްޝާނާ ޕީއައިސީގެ މެންބަރު ކަމަށް އަންޔަން ކުރުމާއިމެދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމާފައި ވާތީ ދެން ރައީސް އަށް އެ ނަން އަނބުރާ ނުގެންދެވޭނެ ކަމަށެވެ.
ރިޔާސަތުން ވިދާޅުވީ މަޖިލީހުން ކުރިން ވެސް އަމަލު ކުރަމުންދާ ގޮތުގެ މަތިން އެއް ވެސް މަގާމަކަށް އައްޔަން ކުރަން ޖެހޭ ބޭފުޅަކަށް މަޖީލީގެ ކޮމެޓީއަކުން ވަކި ގޮތަކަށް ނިންމާފައިވަނިކޮށް އެ ނަމެއް އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެހެން ކަމުން ދެން އެކަމާއިމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށެވެ.
ރުކްޝާނާގެ ނަން އަނބުރާ ގެންދިއުމަށް ރައީސް ޔާމީހން ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާއި ބެހޭ ގޮތުންނާއި އަދި ރުކްޝާނާ އަށް މަޖިލީހުން ރުހުން ދިނުމާއި މެދު ގޮތެއް ނިންމާނީ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާގަޑީގަ އެވެ.