27 Apr 2014, 12:38
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލަން ޖެހޭނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ނޫން ކަމަށާއި "ބަޣާވާތަށް" ހިތްވަރުދިނުމުގެ ދައުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2012 ވަނަ އަހަރުގެ ކުރި މުޒަހާރާގައި އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ދައުލަތުން ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުމަރުގެ މައްޗަށް އުފުލައިފަ އެވެ. އަދި މިއަދު ހެނދުނު ވަނީ އެ ދައުވާގެ ޝަރީއަތުގެ ފުރަތަމަަ އަޑުއެހުން ބާއްވައިފަ އެވެ.
ޖަސްޓިސް ބިލްޑިން ކުރިމަތީ ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ އުމަރު ނަސީރުގެ މައްޗަށް ކުރަން ޖެހޭނީ އަމުރަށް ނުކިޔޔަމަންތެރިވުމުގެ ދައުވާ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އެއީ ކޮން ގޮތަކުންތޯ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރެވެނީ. އަޅުގަނޑު ދެކޭ ގޮތުގައި އެނާގެ މައްޗަށް ކުރެވެން ޖެހޭނީ ބަޣާވާތަށް ހިތްވަރުދިނުމުގެ ދައުވާއެއް،" ނަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އަޑިއެހުމަށް ވަދެވަޑައިގެންނެވުމަށް ނަޝީދު ވަނީ ކޯޓަށް ވަޑައިގެންފަ އެވެ. ނަމަވެސް ކޯޓަށް ވަޑައިގަތީ ގަޑިޖެހިގެން ކަމަށް ވާތީ އެ މަނިކުފާނަށް ކޯޓަށް ވަދެވަޑައިގެންނެވޭ ގޮތް ވަނީ ނުވެފަ އެވެ.
މިއަދު ޝަރީއަތް އަޑުއެހުމަށް އެމަނިކުފާނު ފަހުން ވަޑައިގެން ނަމަވެސް މިއަދު ޝަރީއަތް އޮންނަ ގަޑި ރޭގައި ވަނީ ކޯޓުގެ ވެބްސައިޓަށް އަރުވައިފަ އެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ ޝަރީއަތް އޮންނަ ވަގުތުތައް ސާފުކޮށް ރައްޔިތުނަށް އެނގެން ޖެހޭ ކަމަށާއި ދެން އެ ޝަރީއަތް އޮންނަ ދުވަސް އެނގެން ޖެހޭ ކަމަށެވެ.
މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އުފުލި ދައުވާގައި ބުނެފައި ވަނީ ދިވެހި ސިފައިންނަށް ދަތި ކުރުމަށް ޓަކައި 2000 ވޮލަންޓިއަރުން ބޭނުންވާ ކަމަށް 23 ޖެނުއަރީ 2012 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރީގައި މުޒާހަރާކުރަމުން ދިޔަ ބައިވެރިންނާ މުހާތަބުކުރައްވައި އުމަރު ނަސީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން ސިފައިން "ވަރުބަލި ކުރުމަށް ފަހު" 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ރާއްޖޭގެ ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނުމަށް ދޭހަވާ ގޮތަށް އުމަރު ނަސީރު ވާހަކަ ދެއްކެވި ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.