27 Apr 2014, 12:30
ވ. އަންބަރާގައި ޕާޓީ ކުރަނިކޮށް ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ކުއްޖާ ގޭ ބަންދަށް 10 ދުވަސް ޖަހައިދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ ކުއްޖާގެ ބަންދުގެ މުއްދަތަށް މީގެ ކުރިން ފަސް ދުވަސް ޖަހައިދީފައިވަނީ މިމަހުގެ 19 ގަ އެވެ.
އަންބަރާގައި ޕާޓީކުރަމުން ގެންދަނިކޮށް މިމަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާ އެކު 79 މީހަކު ހައްޔަރުކޮށްފަ އެވެ. އެމީހުންގެ ތެރޭގައި 19 އަންހެނުން އެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.
ވ. އަންބަރާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއި މަނާބޭހާއި ރާއްޖޭގައި މުޅިން އަލަށް ފެނިފައިވާ އެލްއެސްޑީ އާއި ކެނަބިސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.