28 Dec 2010, 04:53
ބައިނަލް އަޤުވާމީ ޖަމްޢިއްޔާތަކާއި އިދާރާތަކާއި ޤައުމުތަކުގެ ސަރުކާރުތައް ގުޅިގެން އެކަށައަޅާފައިވާ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލް މަޝްރޫޢުގެ އެއް ލަނޑުދަނޑިއަކީ 2015 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ހުރިހާ ކުޑަކުދީންނަށް އަސާސީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމެވެ. ނަމަވެސް 2015 ވަނަ އަހަރު ފެންނަ ހިސާބަށް އައިސްފައިވާއިރު، މަދަރުސާއަކަށް ދިޔުމުގެ ނަސީބު ލިބިފައިނުވާ 72 މިލިއަން ކުޑަކުދީން ދުނިޔޭގެ އެކި ހިސާބުތަކުގައި އެބަތިއްބެވެ. ކަންބޮޑުވާން ޖެހޭ ކަމަކީ މީގެ ތެރެއިން 39 މިލިއަނަށްވުރެ ގިނަ ކުދީންނަކީ ދާޚިލީ ހަމަނުޖެހުންތައް ނުވަތަ ހަނގުރާމަތަކުގެ ސަބަބުން އަސަރުކޮށްފައިވާ، ނުވަތަ "ކޮންފްލިކްޓް-އެފެކްޓެޑް ފްރެޖައިލް ސްޓޭޓްސް" ގައި ތިބި ކުދީން ކަމަށް ވާކަމަވެ. މި ކުދީންނަށް ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަދަރުސާތަކެއް އަޅައި މުދައްރިސުންނާއި ޓެކްސްޓް ފޮތް ދިނުމަކުންވެސް ނުފުދޭނެއެވެ. އެހެނީ އެކުދީން އުޅޭ ސަރަޙައްދުތަކުގައި ހަނގުރާމައާއި ހަމަނުޖެހުން އޮތުމުގެ ނަތީޖާއެއްގެ ގޮތުން ކިޔަވައިދިނުމުގެ މަސައްކަތްތައް އެދެވޭގޮތެއްގައި ކުރިޔަކަށް ނުގެންދެވޭނެއެވެ.
އިނގިރޭސި ވިލާތުގެ ޚައިރާތު ފައުންޑޭޝަނެއް ކަމުގައިވާ "ސޭވް ދަ ޗިލްޑްރަން" ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައާއި ދާޚިލީ ހަމަނުޖެހުން އޮންނަ ސަރަޙައްދުތަކުގައި ކޮންމެ ތިން ކުޑަ ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށް ކިޔެވުމުގެ ފުރުސަތު ނުލިބެއެވެ. ތިންވަނަ ދުނިޔެއާއި ފަޤީރު ޤައުމުތަކުގެ ތެރެއިން އެ ނޫން ސަރަޙައްދުތަކުގައި ސްކޫލަށް ދިޔުމުގެ ފުރުސަތު ލިބިފައި ނުވަނީ އެވްރެޖްގޮތެއްގައި ކޮންމެ އެގާރަ ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކަށެވެ. "ހަނގުރާމައާއި ދާޚިލީ ހަމަނުޖެހުންތައް އޮންނަ ނަމަ ކިޔަވައިދިނުމަކީ ވަރަށް ދަތިކަމެއް. އެފަދަ މާޙައުލެއްގައި ސްކޫލް ހިންގުމަކީ އާދައިގެ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން. އެއާއެކު އެފަދަ މާޙައުލެއްގައި ސްކޫލެއް ހިންގުމަކީ ދަރިވަރުންނާއި ސްޓާފުންނަށް ރައްކާތެރިކަމެއް ވެސް ނޫން." ސޭވް ދަ ޗިލްޑްރަންގެ އިސް ބޭފުޅެއް ކަމުގައިވާ ޓޯވް ރޮމާސް ވާންގ ވިދާޅުވިއެވެ.
ދުނިޔޭގެ އެތައް މިލިއަން ކުޑަކުދީންނެއްގެ ތަޢުލީމީ ކުރިމަގާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ އަނެއް އިދާރާއަކީ ޤަތަރުގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ "އެޑިޔުކޭޝަން އެބަވް އޯލް" އެވެ. ޤަތަރުގެ އަމީރު ޙަމަދު ބިން ޚަލީފާ އަލްޘާނީގެ ތިން އަނބިކަނބަލުންގެ ތެރެއިން އެއް ބޭފުޅެއް ކަމުގައިވާ މުޒާޙް ބިންތި ނާޞިރު ހިންގަވާ ޖަމްޢިއްޔާއެއް ކަމުގައިވާ "އެޑިޔުކޭޝަން ފޯރ އޯލް" ގެ ފަރާތުންވެސް ބުނެފައިވަނީ ހަނގުރާމަތަކުގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް އަރާފައިވާ އެއް ކަމަކީ ތަޢުލީމީ ނިޒާމު ކަމުގައެވެ. އެޑިޔުކޭޝަން ފޯރ އޯލް ގެ ޑިރެކްޓަރ ޖޯހން ގްރެގް ވިދާޅުވާގޮތުގައި ހަނގުރާމައެއް ނުވަތަ ހަމަނުޖެހުމެއް ހިނގާ ސަރަޙައްދެއްގައި ސްކޫލެއް ހިންގުމަކީ ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން ދެއެވެ. އޭނާ ވިދާޅުވިގޮތުގައި އެންމެ ބޮޑު މައްސަލައަކީ އެފަދަ ހިސާބުތަކުގައި މަސައްކަތްކޮށްދޭނެ މުދައްރިސުން ނުލިބުމެވެ. މީގެ އިތުރުން އެފަދަ ހިސާބުތަކުގައި މަދަރުސާތައް ޢިމާރާތްކުރުމާއި، ހަނގުރާމައިގެ ސަބަބުން މަދަރުސާތަކުގެ ޢިމާރާތަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމާއި، ކިޔަވައިދިނުމަށްޓަކައި ބޭނުންކުރާ ފޮތާއި އެހެނިހެން ތަކެތި ސަޕްލައިކުރުންފަދަ ކަންތައްތަކަކީވެސް ނުހަނު އުނދަގޫ، އަދި ބައެއް ފަހަރު މުސްތަޙީލު ކަންތައްތަކެވެ.
ފަޤީރު ޤައުމުތަކަށާއި ހަމަނުޖެހުންތަކުގެ އަސަރުކޮށްފައިވާ ސަރަޙައްދުތަކުގައި ކުދީންގެ ޢަދަދުވެސް އިތުރުވުމާއެކު، ދުނިޔޭގައި ތަޢުލީމަށް ހޭދަކުރެވޭ ފައިސާގެ 60 އިން ސައްތަ މިހާރުވެސް ހޭދަކުރެވެނީ އެ ސަރަޙައްދުތަކަށެވެ. އެއީ އަހަރަކު 16.2 ބިލިއަން ޑޮލަރެވެ. ނަމަވެސް މިއީ އެ ސަރަޙައްދުތަކުގައި ތިބި ހުރިހާ ކުދީންގެ ކިޔެވުމަށް އަހަރަކު ހޭދަކުރަންޖެހޭ ޢަދަދުގެ އެންމެ 10 އިންސައްތައެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ހަމަނުޖެހުން ހިނގާ ޤައުމުތަކުގެ ސަރުކާރުތަކުންވެސް ތަޢުލީމަށް ކުރާ ހޭދަ ވީހައި ކުޑަކުރުމަށް މަސައްކަތްކުރާ ކަމެވެ. ޢަސްކަރީ ބަޖެޓް ބޮޑުކުރުމަށްޓަކައި ތަޢުލީމަށް ކުރެވޭ ހޭދަ ކުޑަކުރަން އެތައް ޤައުމަކުން މަސައްކަތްކުރާއިރު، އޭގެ ތެރެއިން ގިނަ ޤައުމުތަކަކީ މަދަރުސާތައް ބިނާކުރުމާއި އެތަންތަން ހިންގައި، ކިޔަވައިދޭނޭ މީހުން ބިނާކުރުމަށްޓަކައި އެންމެ ބޮޑަށް ޚަރަދުކުރަން ޖެހިފައިވެސް ވާ ޤައުމުތަކެވެ.
ހަނގުރާމައާއި ހަމަނުޖެހުން ހިނގާ ޤައުމުތަކުގެ ސަރުކާރުތަކުން ތަޢުލީމަށް ކުރާ ހޭދަ ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އެފަދަ ޤައުމުތަކުގައި ސްކޫލް ހިންގާ ފަރާތްތަކުން އެނބުރެނީ ބައިނަލް އަޤުވާމީ އިދާރާތަކާ ދިމާޔަށެވެ. ނަމަވެސް އެގޮތުންވެސް އެކަށީގެންވާފަދަ އެހީތެރިކަމެއް އޮންނަނީ ނުލިބިފައެވެ. ޔުނެސްކޯގެ 2010 ވަނަ އަހަރުގެ އެޑިޔުކޭޝަން ފޯރ އޯލް ގްލޯބަލް މޮނިޓަރިންގ ރިޕޯޓުގައި ހާމަކޮށްފައިވާގޮތުގައި މި އަހަރުގެ ތެރޭގައި ހަނގުރާމަ ހިނގާ ޤައުމުތަކުގެ ތަޢުލީމީ ދާއިރާއަށް ބޭނުންވި 9.8 ބިލިއަން ޑޮލަރުގެ ތެރެއިން ފޯރުކޮށްދެވިފައިވަނީ އެންމެ 1 ބިލިއަން ޑޮލަރެވެ. މީގެ ތެރެއިންވެސް ޢަމަލީކުރެވި، ދެވިފައިވަނީ އެންމެ 12 އިން ސައްތައެވެ. އެއީ 113 މިލިއަން ޑޮލަރެވެ. އެކިއެކި ސަބަބުތަކާހުރެ ބާކީ ފައިސާ ވަނީ އެހީ ބޭނުންވާ ފަރާތްތަކާ ހަމަޔަށް ނުފޮނުވިއެވެ. މިގޮތުން ދެވުނު އެހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން ލިބިފައިވަނީ ފަސް ޤައުމަކަށެވެ. އެއީ އަފްޣާނިސްތާނާއި ޕާކިސްތާނާއި އިތިއޯޕިއާއާއި ނައިޖީރިއާއާއި ޔޫގެންޑާއެވެ.
މިފަދަ ގޮތަކަށް ޙާލަތު ހުރިއިރު، އެހީ ދޭ ބައެއް ޤައުމުތަކާއި އިދާރާތަކުންވެސް ގެންދަނީ އެހީ ދޭ މިންވަރު ކުޑަކުރަމުންނެވެ. މިދިޔަ އަހަރު ތަޢުލީމަށް އެހީ ދޭ މިންވަރު ކުޑަކުރި ޤައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ކެނެޑާ ހިމެނެއެވެ. ހަމައެއާއެކު ވޯރލްޑް ބޭންކުންވެސް ވަނީ ތަޢުލީމީ ދާއިރާއަށް ދޭ އެހީ ކުޑަކޮށްފައެވެ. މި މައްސަލައާ ބެހޭގޮތުން "ސޭވް ދަ ޗިލްޑްރަން" އިން ބުނެފައިވަނީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުގައި މަދަރުސާތައް އެޅުންފަދަ ކަންތައްތަކަށް ޚަރަދުކުރަން އެހީދޭ ފަރާތްތައް މިހާރު ފަސްޖެހެނީ ދެވޭ އެހީގެ ފުރިހަމަ ފައިދާ ކުދީންނަށް ނުކުރާތީ ކަމުގައެވެ. އެގޮތުން ބޮޑެތި ޚަރަދުކޮށްގެން އަޅާ މަދަރުސާތައް ނިމިގެން ބޭނުންކުރަން ނުވެސް ފަށަނީސް ހަނގުރާމަވެރީންގެ ކުރިމަތިލުންތަކުގައި އެތަންތަން ހަލާކުވެދިޔުން ފަދަ ޙާދިސާތައް ވެސް ބައެއް ފަހަރު ހިނގާފައި ވެއެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި ތަޢުލީމަށް އެހީ ދޭ މިންވަރު އިތުރުކުރާނެކަމަށްވެސް ބައެއް ޤައުމުތަކުން މިހާރު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ނެދަރލެންޑްސްއާއި ސްޕެއިން ހިމެނެއެވެ.
ކޮންމެއަކަސް، ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކުގެ ސަބަބުން އަބަދުވެސް އެންމެ ބޮޑު ނިކަމެތިކަމަކާއި ވޭންތަކެއް ތަޙައްމަލުކުރަން ޖެހޭ ބަޔަކީ ކުޑަކުދީންނެވެ. "މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލް" ފަދަ މަޝްރޫޢުތަކަކީ ސިޔާސީ ލީޑަރުން އެމީހުންގެ ސިޔާސީ ކެރިއަރު ނެގެހެއްޓުމަށްޓަކައި ބޭނުންކުރާ "ތަނބު"ތަކަކަށް ވެފައިވާއިރު، ދުނިޔޭގެ އެތައް މިލިއަން ކުޑަކުދީންނެއްގެ ޙައްޤުތައް، ޚާއްސަގޮތެއްގައި އެ ކުދީންނަށް ލިބިގެންވާ ތަޢުލީމުގެ ޙައްޤު، ރައްކާތެރިކުރެވޭނީ ކޮންގޮތަކުންތޯ މިއީ މިހާރު ކުރަން ޖެހޭ އެންމެ މުހިއްމު އެއް ސުވާލެވެ.