މި ސީޒަންގައި ބާކީ އޮތް މެޗުތަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހަމަޖައްސައިފައިވާ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ރަޔާން ގިގްސްގެ އިރުޝާދުގެ ދަށުން ރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަ ކަމާއެކު 0-4 ލަނޑުން ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު އެޓިމަށް ޖަހައި ދިނީ 41 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ވޭން ރޫނީ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ރޫނީ ވަނީ ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ފުޅާކޮށްދީފަ އެވެ. ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްޕެއިންގެ ފޯވާޑް ހުއާން މަޓާ އެވެ.

ރޭގެ މެޗުން ޔުނައިޓެޑަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމް ޕްރިމިއާ ލީގްގައި އޮތީ މިހާތަނަށް ކުޅުނު 35 މެޗުން ލިބުނު 60 ޕޮއިންޓާއެކު ލީގުގެ ހަތް ވަނަ މަގާމްގަ އެވެ. ޔުނައިޓެޑް އަތުން ރޭ ބަލިވި ނޯވިޗް ލީގުގައި އޮތީ މިހާތަނަށް ކުޅުނު 36 މެޗުން ލިބުނު 32 ޕޮއިންޓާއެކު ލީގުގެ 17 ވަނަ މަގާމްގަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެވަޓަން އަތުން ސައުތުހެޕްޓަން މޮޅުވެފައި ވަނީ 2-0 ލަނޑުންނެވެ. ހަލްސިޓީއާއި ފުލަމް ބައްދަލުކުރި މެޗް ނިމުނީ 2-2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ސްޓޯކް ސިޓީއަތުން 1-0 ލަނޑުން ޓޮޓެންހަމް މޮޅުވިއިރު، އެސްޓަން ވިލާ އަތުން ސްވެންސީ ސިޓީން މޮޅުވީ 4-1 ލަނޑުންނެވެ. އަދި ވެސްޓްހޭމް ޔުނައިޓެޑް އަތުން ވެސްޓްބްރޮމް އަލްބިއޮން މޮޅުވީ 1-0 ލަނޑުންނެވެ.