ދެކުނުކޮރެއާގެ ފެރީއެއް ފެތި ގާތްގަނޑަކަށް 200 މީހުން މަރުވި ހާދިސާއާ ހެދި އެގައުމުގެ ބޮޑުވަޒީރު ޗުން ހޮން ވޮން އިސްތިއުފާދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ ފެރީ ފެތުނު ހާދިސާގައި މީހުން ސަލާމަތް ކުރުމަށް ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ކުރެވުނުލެއް ލަސްކަން، ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ސީއެންއެން ބުންޏެވެ.

ބޮޑުވަޒީރު ޗުން ގެ އިސްތިއުފާގެ ބަޔާން ވަނީ އެގައުމުގެ ގައުމީ ޓީވީން ދުރަށް ދައްކާފަ އެވެ. އެބަޔާނުގައި އޭނާ ވަނީ ފެރީ ފެތުމުގެ ހާދިސާގައި މަރުވި އަދި ގެއްލުނު މީހުންގެ އާއިލާތަކުގެ ފަރާތުން މައާފަށް އެދިވަޑައިގެންފަ އެވެ.

"މީހުން ހޯދުމުގެ މަސައްކަތުގެ ތެރޭގައި ސަރުކާރުން ވަނީ އެކަށީގެންނުވާ ފިޔަވަޅުތައް އަޅާފައި. އަދި ރައްޔިތުން ހިތްދަތިކޮށްފައި. ބޮޑުވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެ،" އިސްތިއުފާ ދެއްވަމުން ޗުން ވިދާޅުވެފައި ވެއެވެ.

ފެރީ ފެތުނު ހާދިސާއާއި އޭގެ ފަހުން މީހުން ހޯދައި ސަލަމާތްކުރުމަށް މަސައްކަތް ކުރި ގޮތާ މެދު ދެކުނު ކޮރެއާގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ހާދިސާއަށް 11 ދުވަސް ވީއިރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެހާދިސާގައި މަރުވެފައިވާ 187 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައި ވާއިރު 115 މީހުން އަދިވެސް ނުފެނި ވެއެވެ.