27 Apr 2014, 11:54
އިރާނުގެ ބޯޓެއްގައި ކަނޑުމަގުން ރާއްޖެ އަށް 24 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހިމެނޭ ޕާކިސްތާނު ދެ މީހުން ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ޕާކިސްތާނުގެ ދެ މީހުންގެ ބަންދަށް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ދެ މީހުންގެ އިތުރުން އެ މައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާއެތަކެތި ގަތުމަށް ބޭރަށް ފައިސާ ފޮނުވި ކަމުގެ ތުހުމަގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާގެ އިތުރުން ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުން ހިމެނެ އެވެ.
ކަނޑުމަގުތުން މާޗު މަހު 10 ވަނަ ދުވަހު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ އީރާންގައި ރަޖިސްޓްރީ ކޮށްފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެ ބޯޓު އަތުލައިގެންފައި ވަނީ އއ. މަތިވެރި އާއި ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން ޑިންގީއެއްގައި މަސްތުވާތަކެތި ނޭނގޭ ގޮތަށް ފައިބަރު ޖަހައި ބަންދުކޮށް މަސްދޯންޏެއްގައި އެ ޑިންގީ ހުޅުމާލެއަށް ގެންދިޔަ ތަނުންނެވެ.
އެ ބޯޓުން ރާއްޖެ ގެނެއި މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއަށް އިތުރު "ޕައުޑާ"ތައް އެއްކޮއްގެން ވިއްކައިފި ނަމަ އެ ތަކެތީގެ އަގު 100 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.