27 Apr 2014, 11:37
ޓެންޑާ ކުރެވިގެން ހަވާލުކުރެވޭ މަސައްކަތްތަކުގެ އަގަށް އަންނަ ބަދަލު މަސައްކަތް ކުރާފަރާތަށް ދޭ ގޮތަށް ނިންމައިފި އެވެ.
މަސީ ބިލްޑް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ބައެއް އުސޫލްތަކުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ ގެއްލުންތައް ފޫބައްދައި ދިނުމަށްޓަކައި ޓެންޑާ ކުރެވިގެން ހަވާލުކުރެވޭ މަސައްކަތްތަކުގެ އަގަށް އަންނަ ބަދަލު ލިބިގެންދާނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަހަރުން ފެށިގެން ޓެންޑާ ކުރާ މަސައްކަތްތަކަށް، އެމަސައްކަތްތައް ފަށާފަހުން ތަކެތީގެ، ނުވަތަ މަސައްކަތުގެ އަގަށް އަންނަ ބަދަލު ލިބިގެންދާނެ ގޮތް މިހާރު ވަނީ ހަމަޖެހިފައި" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާއަށް ފައިނޭންސް ހޯދައިދިނުމަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށާއި ކޮންސްޓުްރަކްޝަން ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރާނެ ކަމަށެވެ. އެ ދާއިރާ ކުރިއެރުވުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.