27 Apr 2014, 11:20
ސަރުކާރުގެ އިލެކްޓިރިކް ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ މިލިޓެޑް (ސްޓެލްކޯ) އަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) އަށް ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރު ކުރަން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ލޯނަށް ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައި ވަނީ ސެޕްޓެންބަރު 1، 2009ގައި މަޖިލީހުން ފާސްކޮށްގެންނެވެ. ނަމަވެސް އެ ގެރެންޓީގެ މުއްދަތު މިދިޔަ އަހަރުގެ މާޗް 31 އަށް ހަމަވުމުން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅުއްވައިގެން މަޖިލީހުން ވަނީ އެ ލޯނުގެ ގެރެންޓީ މިއަހަރުގެ 31 އިތުރުކޮށްފަ އެވެ. މަޖިލީހުން ދީފައިވާ މުއްދަތު ފަހަނައަޅައިފައި ވާތީ، އެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.
ސެޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ރައީސް ޔާމިން ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ހުށަހެޅީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.
ރައީސް ފޮނުއްވެވި ސިޓި މަޖިލީހަށް އިއްވެވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާފައި ވަނީ އެ މައްސަލަ މާލިއްޔަތު ކޮމެޓީއަށް ފޮނުވުމަށެވެ.