27 Apr 2014, 11:06
އިމާރާތް ކުރުމަށް ބޭނުންވާ ސަމާނާނުތަކާއި ހިދުމަތްތައް އެއް ތަނަކުން ފެންނާނެ ގޮތް ހަމަޖެއްސެމަށް ޓަކައި ކޮންސްޓްރަކްޝަން ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)، އިން ކޮންމެ އަހަރަކު ބާއްވާ މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ 2014 މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ އެކްސްޕޯ ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް އަބްދުއްﷲ މުހައްމަދު ވިދާޅުވީ، ބިލްޑް އެކްސްޕޯ އަކީ ކޮންސްޓްރަކްޝަން ދާއިރާއާއި ގުޅުންހުރި ފަރާތްތަކަށް ވަރަށް މުހިންމު ފެއާއެއް ކަމަށެވެ. އެގޮތުން އެ ފެއާގެ ތެރެއިން އިމާރާތްކުރުމުގެ ދާއިރާއާއި ގުޅުންހުރި މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
މަސީއިން ބުނީ މި ފެއާގައި 60 ސްޓޯލް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި 40 ފަރާތަކުން ފެއާގައި ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުގެ ބައެއް ކުންފުނިތަކުން ވެސް މިއަހަރުގެ ފެއާގައި ބައިވެރިވާނެ ކަމަށް މަސީ އިން މައުލޫމާތު ދެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ފެއާގައި ވެސް، ކޮންސްޓްރަކްޝަން ކުންފުނިތަކާއި އިމާރާތް ކުރުމުގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ އިތުރުން އާކިޓެކްޗާ އާއި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އަދި އިންޖިނިއަރިންގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބައިވެރި ވެއެވެ.
ހާޑްވެއާ ސާމާނާއި ކުލަ އަދި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި ފައިނޭންސް އަދި އިންޝުއަރެންސްގެ އިތުރުން އައިޓީ އާއި ސެކިއުރިޓީގެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ވެސް ފެއާގެ ތެރެއިން ފެނިގެންދެ އެވެ.