27 Apr 2014, 11:04
ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކީ ވަރަށް އަވަދިނެތި ބުރަކޮށް އުޅެން ޖެހޭ ބައެއްް ކަމަށާއި އެއާ އެކު ލޭ މައްޗަށް ގޮސް ސްޓްރެސް ލެވެލް މަތިވާތީ، ސްޓްރެސް ލެވެލް ދަށް ކުރުމަށް ގަވާއިދުން ކަސްރަތު ކުރުމަށް ކުރީގެ ހެލްތު މިނިސްޓަރު އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު އިލްތިމާސްކުރައްވައިފި އެވެ.
ޑައެބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަަނީސާ ވިދާޅުވީ ހެލިފެލިވެ ގަވާއިދުން ކަސްރަތު ކުރުމަކީ ސްޓްރެސް ލެވެލް ދަަށްވާނެ ކަމެއް ކަމަށާއި ހަކުރުބައްޔަށް ވެސް އޮތް ފަރުވާއެއް ކަމަށެވެ.
ނަމަވެސް އެކަމަށް އޮތް ދަތިކަން ފާހަގަކުރައްވައި އަނީސާ ވިދާޅުވީ ގަވާއިދުން ކަސްރަތުކުރުމަށް މާލޭގައި އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.
"ގިނަ ބަޔަކު އިރުއޮއްސޭ ގަޑިއަށް ގޮސް ރަނގަޅަށް ހެލިފެލިވެ ކަސްރަތު ކޮއްލާނެ ޖާގައެއް ދުވާ ޓްރެކް ސަރަހައްދުގައެއް ނޯވޭ. މާލޭގެ ވަށައިގެން ދުވަން އޮންނަ ޖާގަ ވެސް މި ވަނީ ގާތަށް ހަލާކުވެ ގޮސްފައި. އެހެންވީމަ އެއީ މިކަމަށް އޮތް ހުރަހެއް." އަނީސާ ވިދާޅުވި އެވެ.
މާބަނޑު ދުވަސްވަރު ކެއުމުގެ ކަންކަން ގެންގުޅޭ ގޮތެއްގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ހަކުރުބަލީގެ އަސަރު ކުރާ ކަމަށް ވެސް އަނީސާ ވިދާޅުވި އެވެ.
ހަކުރުބަލީގެ މިންވަރު މަދުކުރުމަށް މާބަނޑު އަންހެނުން ކެއުމުގެ އާދަތަކާ މެދު ސަމާލުވާން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި އެކަމަށް އަންހެނުން ހޭލުންތެރި ކުރުމަށް ޑީއެސްއެމް އިން ކުރިޔަށް އޮތްތާގައި މަސައްކަތްތަކެއް ކުރައްވާނޭ ކަމަށް އަނީސާ ވިދާޅުވި އެވެ.