27 Apr 2014, 10:52
ދައުލަތުގެ ބަޖެޓާ ގުޅޭ ސިޔާސަތުތައް ޒިންމާދާރު ގޮތެއްގައި ދެމެހެއްޓެނިވި އޫސޫލަކުން ހިފެހެއްޓުމާއި ދައުލަތުގެ ފިސްކަލް ޕޮލިސީ ދެ ފުށް ފެންނަ ގޮތެއްގައި ކަށަވަރު ކުރުމުގެ ހަމަތައް ބަޔާންކޮށްފައިވާ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ތިން އަހަރަށް ފަސް ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން ފަސް ކުރަން ހުށަހަޅާފައި ވަނީ ސަރުކާރު ފަރާތުން މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެއްގަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހަށް އިއްވާފަ އެވެ.
އޭނާ ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ގާނޫނަށް އަމަލު ކުރެވެން އޮތީ ވަކި އުސޫލުތަކެއް ނުވަތަ ވަކި ނިޒާމްތަކެއް ތައާރަފްކޮށްގެން ކަމަށް ރައީސަށް ފެނިއްޖެ ހިނދެއްގައި އެ މާއްދާތަކަށް އަމަލު ކުރުން ތިން އަހަރަށް ފަސް ކުރެވިދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ތަސްދީގު ކުރައްވާފަ އެވެ. އެ ގާނޫނު ތަސްދީގު ކުރެއްވި ދުވަހު ރައީސް ވަހީދު ވަނީ އެ ބިލުގެ 29 މާއްދާއަކަށް އަމަލު ކުރުން އެއް އަހަރަށް ފަސްކޮށްފަ އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ގާނޫނުގެ މާއްދާއަކަށް އަމަލު ކުރުން އެންމެ ގިނަވެގެން ފަސް ކުރެވޭނީ އަހަރު ދުވަހަށެވެ.
އެ މާއްދާތަކަށް އަމަލު ކުރުން ފަސް ކުރި މުއްދަތު އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެތީ ސަރުކާރުން ހުށަހަޅާފައި ވަނީ އެ މުއްދަތު ތިން އަހަރަށް އިތުރު ކުރުމަށެވެ.
ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވެފައި ވަނީ ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތު ހުރި ގޮތުން ގާނޫނުގައިވާ ޓާކެޓްތައް ހާސިލް ކުރަން ޖެހިއްޖެ ނަމަ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ހިންގުމަށް ދަތިތަކަކާ ދިމާވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދައުލަތުގެ ކޭޝްފްލޯ ވަރަށް ދަތިކޮށް މެނޭޖު ކުރަމުންދާ ދުވަސްވަރެއްގައި އެ ގާނޫނަށް ސަބަބުން ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.