އެމްއެންޑީއެފް ސަދަން އޭރިއާގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން "ވަން ޓޫޓޫ" ރަންގެ ނަމުގައި ދުވުމެއް ބާއްވައިފި އެވެ.

"ސްވެޓް ފޯ ޔުނިޓީ" މިޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ދުވުން ފެށީ އައްޑޫ ސިޓީ މަރަދޫ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި ދުވުމުގައި އެކިއެކި ވަނަތައް ހާސިލްކުރި ދުވުންތެރިންނަށް އިނާމްދެއްވީ މިއިވެންޓުގެ ޝަރަފްވެރި މެހެމާން، ޑިފެންސް މިނިސްޓާ ކާނަލް މުހައްމަދު ނާޒިމެވެ.

އިނާމެއްގެ ގޮތުގައި އެއްވަނަ އަށް ދިޔަ ފިރިހެން އަދި އަންހެންދުވުން ތެރިޔާއަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ރާއްޖޭގެ ކޮންމެވެސް އެއްސަރަޙައްދަކަށް ވައިގެމަގުން ދަތުރުކުރުމުގެ ދެކޮޅު ޓިކެޓް ލިބިފަ އެވެ. އަދި ދެވަނައަށް 750 ރުފުޔާ ހުށަހަޅާފައިވާ އިރު ތިންވަނައަށް ދިޔަ ދުވުން ތެރިންނަށް 500 ރުފިޔާގެ އިނާމެއް ވަނީ ލިބިފަ އެވެ.

ފަސްސަތޭކަ އައް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި މިދުވުން ކުރިއަށްގެންގޮސްފައި ވަނީ ސ. މަރަދޫ ފުޓްބޯޅަ ދަނޑުން ފެށިގެން އައްޑޫ ސިޓީ ލިންްކް ރޯޑުން ގޮސް ސ. ފޭދޫ ފުޓް ބޯޅަ ދަނޑަށެވެ. ޖުމުލަ ފަސް ކިލޯ މީޓަރުގެ ދިގު މިދުވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އިތުރުން އައްޑޫ ސިޓީގެ އެކިރައްތަކުގެ ގިނައަދަދެއްގެ ރައްޔިތުންނާއި ސުކޫލް ދަރިވަރުން ވަނީ ބައިވެރިވިއެވެ.