އިންޑިއާ ކަނޑުން ދަތުރުކުރި އުޅަނދަކުން ޓަނަކަށް ވުރެ ގިނަ ހެރޮއިން އަތުލައިގެންފި އެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ ދޯ( އަރަބި ގައުމުތަކުގައި ގެންގުޅޭ އުޅަނދެއް) ކަހަލަ އުޅަނދަކުން ހެރޮއިންތައް އިއްޔެ އަތުލައި ގަތީ އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިން ކަމަށެވެ. އެގޮތުން އެތަކެތި އަތުލައި ގަތީ އިންޑިއާ ކަނޑުގައި ޕެޓްރޯލް ކުރަމުން އަންނަ މަނަވަރު އެޗްއެމްއެސް ޑާވިންގައި ތިބި ސިފައިން ކަމަށް ވެސް ބުންޏެވެ.

ހެރޮއިންތައް އަރުވާފައިވާ ބޯޓް އޮސްޓްރޭލިއާ ސިފައިން ހުއްޓުވީ ކެންޔާގެ މޮމްބާސާއާ 27 ނޯޓިކަލް މޭލު ދުރުންނެވެ. އެއުޅަނދަށް އެރި އޮސްޓްރޭލިއާ ސިފައިންނަށް 46 ބަސްތާ ( 1032 ކިލޯ) ހެރޮއިން ފެނު ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ. އެތަކެތި ހުރީ ސިމެންތި ބަސްތާތަކެއްގެ ތެރޭގައި ފޮރުވާފައި ކަމަށް ވެސް ބުންޏެވެ.

އެމްއެމްއެސް ޑާވިން އަކީ އިންޑިއާކަނޑުގައި ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވުމަށް އިނގިރޭސިވިލާތުން އިސްނަގައިގެން އުފައްދާފައިވާ ކޮމްބައިނެޑް ޓާސްކްފޯސް 150ގައި ބައިވެރިވާ އުޅަނދެކެވެ.

އޮސްޓްރޭލިއާ އިން ބުނެފައި ވަނީ މިފަހަރު އަތުލައިގަތް ހެރޮއިން އަކީ ރެކޯޑް މިންވަރެއް ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 289 މިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ.