27 Apr 2014, 10:17
އިއްޔެ މެންދުރު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި އުމުރުން ދުވަސްވީ މީހާ ރޭ ފަތިހު ލަންކާގައި މަރުވެއްޖެ އެވެ.
ނ. ވެލިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަލިފުޅު މިއަދު ވިދާޅުވީ އިއްޔެގެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި ނ. ވެލިދޫ، މުނިޔާވިލާ، އަބްދުﷲ އަޒީޒް، 60، މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް ލަންކާ އަށް ގެންގޮސް ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.
އޭނާ ވިދާޅުވީ، އަބްދުލްއަޒީޒު އިތުރު ފަރުވާއަށް ލަންކާ އަށް ފުރުވާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާ މަރުވެފައި ވަނީ ރޭ ފަތިހު 5:30 އެހާކަންހާއިރު ކަމަށެވެ.
މެންދުރު ނަމާދަށް ފަހު، އަލިކިލެގެފާނު މަގު ހުރަސް ކުރަން އުޅުމުގެ ތެރޭގައި ހިނގި އެ އެކްސިޑެންޓުގެ ސަބަބުން އަބްދުލްއަޒީޒަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު، އޭނާގެ ބޮލުގެ ނާށިގަނޑުގެ ދެ ތަނަކުން ރެނދުލައި ކަންފަތުންނާއި ނޭފަތުން ވެސް ލޭ އަންނަމުންދާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
އިއްޔެ ހިނގި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ އިރު، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އިއްޔެގެ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެކަން ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.