ކާބުލް (އެޕްރީލް 27) : އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ނޭޓޯ ސިފައިންގެ ފަސް މީހުން މަރުވެއްޖެ އެވެ.

ކާބުލްގައި ހުންނަ ނޭޓޯގެ ކޮމާންޑުން ބުނީ އެހެލިކޮޕްޓަރު ވެއްޓިފައި ވަނީ އަފްޣާނިސްތާނުގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަންދަހާރުގެ ތަޚްތާބޯލް އަށް ކަމުގަ އެވެ. ނޭޓޯގެ ހެލިކޮޕްޓަރު ވެއްޓުނީ އަފްޣާން ހަނގުރާމަވެރިންގެ ޙަމަލާއެއްގައިކަން ނޫންކަމަށާއި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް އަފްޣާން ފުލުހުން ބުނެފައިވީ ނަމަވެސް އެމެރިކާ އިން ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެހެލިކޮޕްޓަރު ބިމަށް ޖައްސަން ދަނިކޮށް އަފްޣާން ހަނގުރާމަވެރިންގެ ޙަމަލާއެއް އެހެލިކޮޕްޓަރަށް އަރާފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެއްބަސްވެފަ އެވެ. ނޭޓޯގެ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވެފައި ވަނީ އެމެރިކާ ސިފައިންގެ ފަސް މީހުންކަމަށް ޚަބަރުތައް ބުނެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް ނޭޓޯ އަށް ނިސްބަތްވާ އެމެރިކާގެ ހެލިކޮޕްޓަރެއް އަފްޣާނިސްތާނަށް ވެއްޓި އެމެރިކާގެ ހަތް މީހުން މަރުވެފައިވެ އެވެ. މިއީ ތާލިބާނުން ވައްޓާލި ހެލިކޮޕްޓަރެއް ކަމަށް އެޖަމާއަތުން ބުނެފައިވެ އެވެ. ނަމަވެސް އެމެރިކާ އިން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި 2011 ވަނަ އަހަރު ތާލިބާން ހަނގުރާމަވެރިން ދިން ކުއްލި ޙަމަލާއެއްގައި އެމެރިކާގެ ހެލިކޮޕްޓަރެއް ވެއްޓި އެމެރިކާ ސިފައިންގެ 30 މީހުން މަރުވެފައިވެ އެވެ. މއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެމެރިކާ ސިފައިންނާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުން ބޭލުމަށްވަނީ ހަމަޖެހިފައެވެ. (އަލްޖަޒީރާ)