ރިޔާޟް (އެޕްރީލް 27) : ސައޫދީ އަރަބިޔާގައި ފެތުރެމުންދާ ބޭހެއް ހޯދިފައިނުވާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ކްރޯނާ ވައިރަސް ޖެހިގެން އިއްޔެ އަނެއްކާ ވެސް ފަސް މީހުން މަރުވުމާ ގުޅިގެން ސައޫދީ އަރަބިޔާގެ އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ސިއްހަތާބެހޭ ސައޫދީ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ކްރޯނާ ވައިރަސް ޖެހިގެން ފަރުވާދެމުންގެންދާ މީހުންގެ އަދަދު މިހާރު 313 އަށް އަރާފައިވާ އިރު އިއްޔެ ވެސް 14 މީހަކަށް މި ރޯގާޖެހިފައިވާކަމުގަ އެވެ. އަދި ކްރޯނާ ވައިރަސްގެ އަސަރުކޮށްގެން އިއްޔެ މަރުވި ފަސް މީހުން ވެސް މަރުވެފައި ވަނީ ކުއްލިގޮތަކަށް އެމީހުންގެ ސިއްހީ ހާލަތު ދަށަށްގޮސްގެން ކަމަށާއި މިހެން ދިމާވަނީ އެރޮގާ އަށް ޚާއްސަކޮށްގެން ދޭނެ ވަކި ބޭހެއް އަދި ފަރުވާއެއް ނެތުމުން ކަމަށް ވެސް ސިއްހަތާ ބެހޭ ސައޫދީ މަސްއޫލުވެރިން ވިދާޅުވި އެވެ.

ކްރޯނާ ވައިރަސްއަކީ ނޭވާލުމުގެ ނިޒާމުގެ ތެރެއިން ޖެހޭ ރޯގާއެކެވެ. އެ ރޯގާގެ ވައިރަސް ހަށިގަނޑަށް ވަނުމުން ވާގޮތަކީ ގަދައަށް ހުންއައިސް ފުއްޕާމޭ ވަރަށް އަވަހަށް ހަލާކުކޮށްލުމާއި ދެކިޑްނީ މުޅިން ފޭލްކޮށްލުމެވެ. އިއްޔެ މިސްރުން ވެސް ވަނީ ފުރަތަމަ ފަހަރަށް މި ރޯގާ ޖެހިފައިވާ މީހަކު ފެނިފަ އެވެ. އެމީހާއަކީ ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޟުގައި އުޅުމަށް ފަހު މީގެ ދެދުވަހެއް ކުރިން މިސްރަށް އައި މީހެއް ކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ސައޫދީ އަރަބިޔާގައި ފެތުރެމުންދާ ކްރޯނާވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ އިރު ދާދިފަހުން އެގައުމުގެ ސިއްހަތާބެހޭ ވަޒީރު ޢަބްދުﷲ އައްރަބީޢާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. މީގެ ދެއަހަރު ކުރިން ސައޫދީގެ އިރުމަތީގެ ރަށްފުށުގެ ސަރަހައްދަކުންފެނުނު ކްރޯނާ ވައިރަސް ރޯގާ ކޮންޓްރޯލްނުވެ މިހާރު ވެރިރަށް ރިޔާޟް އާއިޖިއްދާއާއި ނަޖްރާން އާއި މަދީނަތުލްމުނައްވަރާ އިންވެސްވަނީ އެބަލި ޖެހިފައިވާ މީހުން ފެންނަން ފަށާފަ އެވެ. ކްރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ސައޫދީ އަރަބިޔާގައި 81 މީހުން މަރުވެފައިވެ އެވެ. (ބީބީސީ)