ދުނިޔޭގެ ސްކައުޓް ހަރަކާތައް އަގު ހުރި ހިދުމަތްތަކެއް ކޮށްދެމުންދާ ފަރާތްތަކަށް ވޯލްޑް ސްކައުޓް މޫވްމަންޓް (ވޮޒަމް) އިންދޭ އެންމެ މަތީ އެވޯޑް "ބްރޯންޒް ވުލްފް އެވޯޑް"، ރާއްޖޭގެ ސްކައުޓެއް ކަމަށްވާ އަބްދުﷲ ރަޝީދު (ސީދިބެ) އަށް ލިބިއްޖެ އެވެ. މިއީ ރާއްޖޭގެ ސްކައުޓަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

އޭޝިއާ ޕެސިފިކް ރީޖަން (އޭޕީއާރް)ގެ ރީޖަނަލް ޑިރެކްޓަރެއްގެ މަގާމްވެސް އަދާކުރައްވާފައިވާ، ސީދިބެ، 61، އަށް އެވޯޑް ހަވާލުކޮށްދެވީ މިހާރު ސްރީލަންކާގެ ނިގަމްބޯގައި ކުރިއަށްދާ އަށް ވަނަ އޭޕީއާރު ސްކައުޓް ލީޑާސް ސަމިޓްގައި އޮސްޓްރޭލިއާގެ ނެޝަނަލް ކައުންސިލްގެ ލައިފް މެންބަރު އަދި ބްރޯންޒް ވުލްފް އެވޯޑް 2007 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ކާސްޓީ އެމް ބްރައުން އެވެ.

ސީދިބެ އަށް އެ އެވޯޑް ލިބިފައިވާކަން ވޯލްޑް ސްކައުޓް ކޮމެޓީން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިއުލާނުކޮށްފަ އެވެ.

ސީދިބެ ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ، 1960 ތެރޭގައި ރާއްޖޭގައި ސްކައުޓް ހަރަކާތް އެންމެ ފުރަތަމަ ފެށި މަޖީދިއްޔާ ސްކޫލުންނެވެ. އެއަށްފަހު ސްކައުޓް އެސޯސިއޭޝަން ރަޖިސްޓްރީ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި، ސީދިބެ އަކީ ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާގެ މަގާމުވެސް 1994 އިން 1997 ވަނަ އަހަރާ ހަމައަށް ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު ސީދިބެއަކީ ނެޝަނަލް ސްކައުޓް ކައުންސިލްގެ ލައިފް މެންބަރެއްގެ އިތުރުން ނެޝަނަލް އެގްޒެކެޓިވް ކޮމެޓީގެ އެޑްވައިޒަރެވެ.

ސީދިބެ ވަނީ ސަރުކާރުގެ ބައެއް އިސް މަގާމްތައް ވެސް ފުރުއްވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިލެކްޝަން ކޮމިޝަންގެ ކޮމިޝަނަރު ކަމާއި އެޑިއުކޭޝަން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އޭނާ ވަނީ ފުރުއްވާފަ އެވެ.

އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުންދޭ އެންމެ މަތީ އެވޯޑް ހާސިލްކުރައްވާފައިވާ ސީދިބެ އަކީ އޭޕީއާރް އިން ދޭ އެންމެ މަތީ އެވޯޑް ކަމަށްވާ "ޗެއާމަންސް އެވޯޑް" ވެސް އެންމެ ފުރަތަމަ ހާސިލްކުރި ދިވެހި ސްކައުޓެވެ.