އަންނަ އަންގާރަ ދުވަހު ބާއްވާ މޯލްޑިވްސް ފިލްމް އެވޯޑްސް ހަފްލާގެ ކުރު ފިލްމް ކެޓަގަރީގެ ދާއިރާތަކަށް ނޮމިނޭޓްވި ފަރާތްތައް ރޭ އިއުލާންކޮށްފި އެވެ.

ކުރު ފިލްމްގެ ކެޓަގަރީން އަށް އެވޯޑެއް ދިނުމަށް ނިންމާފައިވާއިރު ދެ އެވޯޑެއް ވަނީ ކަށަވަރުވެފަ އެވެ. އެއީ އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް މަޝްހޫރު ކޮމީޑިއަން އަދި އަންނަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހއ. އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔަބާކުރެއްވި މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ތިން ފިލްމަކުން ނޮމިނޭޓްވެފަ އެވެ.

މުހައްމާއާއެކު ކޮމެޑީ ކުރު ފިލްމްތަކުގައި ބައިވެރިވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި ވެސް ވާދަކުރާނެ މީހަކު ނުވިއިރު، ސަޕޯޓިން އެކްޓަރުގެ މަގާމަށް ކޮޕީ އިއްސެ ވެސް ވަނީ ތިން ފިލްމަކުން ނޮމިނޭޓްވެފަ އެވެ.

އެންމެ މޮޅު އެކްޓްރެސް އަކަށް ވާދަކުރަނީ މިފަހަރު ކުރު ފިލްމްގެ ކެޓަގަރީން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށްވެސް ނޮމިނޭޓްވި ފާތުމަތު އާޒިފާ (އަޒޫ) އެވެ. އަޒޫ އާއި ވާދަކުރަނީ މީގެ 10 އަހަރު ކުރިން ފިލްމީ ދާއިރާއަށް ނުކުތް އަދި މޮޅު ނެށުންތެރިޔާ އައިޝަތް ރިޝްމީ އާއެވެ.

ތިރީގައި އެވަނީ ކުރު ފިލްމް ކެޓަގަރީން އެކި ދާއިރާތަކަށް ނޮމިނޭޓްވި ފަރާތްތަކެވެ.

އެންމެ މޮޅު ސްކްރީން ޕްލޭ:
އަހްމަދު ފަލާހް (ފިލްމް: ފަރިހިބެ -4، ސިޔާސީ ކޯޅުން، 13 އަށް ވިސްނާ)

އެންމެ މޮޅު މޭކަޕް އާޓިސްޓް:
ނިއުމާ / އާޒިފާ (ފިލްމް: 13 އަށް ވިސްނާ)
ރިޝްމީ / އާޒިފާ (ފިލްމް: ފަރިހިބެ- 4)
ޒީނަތު / އާޒިފާ (ފިލްމް: ސިޔާސީ ކޯޅުން)

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް:
އައިޝަތު ރިޝްމީ (ފިލްމް: ފަރިހިބެ- 4)
ފާތިމަތު އާޒިފާ (13 އަށް ވިސްނާ، ސިޔާސީ ކޯޅުން)

އެންމެ މޮޅު އެކްޓްރެސް:
ނިއުމާ މުހައްމަދު (ފިލްމް: 13 އަށް ވިސްނާ)
ޒީނަތު އައްބާސް (ފިލްމް: ސިޔާސީ ކޯޅުން)
ފާތުމަތު އާޒިފާ (ފިލްމް: ފަރިހިބެ- 4)

އެންމެ މޮޅު ސިނަމޮޓޯގްރަފީ:
ޝިވާޒް އަބްދުﷲ (ފިލްމް: 13 އަށް ވިސްނާ)
އިބްރާހިމް ވިޝާން (ފިލްމް: ސިޔާސީ ކޯޅުން، ފަރިހިބެ- 4)

އެންމެ މޮޅު އެޑިޓިން:
އަބްދުﷲ މުއާޒް (ފިލްމް: ފަރިހިބެ- 4، ސިޔާސީ ކޯޅުން)
އަލީ ޝިފާއު (ފިލްމް: ވޫޑޫ)