27 Apr 2014, 09:53
ބައިނަލް އަގުވާމީ ކަންކަމުގައި ސްރީލަންކާއަށް އެއްބާރުލުންދޭން ރާއްޖޭން އަނެއްކާ ވެސް ވައުދުވެއްޖެ އެވެ.
ރާއްޖޭން އެކަމަށް ވައުދުވާ ކަމަށް ވިދާޅުވީ، ސްރީލަންކާއަށް މިހާރު ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެވެ.
" ބައިނަލް އަގުވާމީ މަޝްރަހުގައި ދިވެހިރާއްޖޭގެ ތާއީދު ސްރީލަންކާއަށް އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،" ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާއާ ބައްދަލުކުރެއްވުމަށް ފަހު ދުންޔާ ވިދާޅުވި ކަމަށް ސްރީލަންކާގެ ޑެއިލީމިރާ ނޫހުން މިއަދު ބުންޏެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ދުންޔާ މައުމޫނު އިއްޔެ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާއަށް އިހުތިރާމްގެ ޒިޔާރަތެއްކުރެއްވި ކަމަށެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮއެދުންތައް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ރައްދުކޮށްދެއްވި ކަމަށް ވެސް ބުންޏެވެ.
ދުންޔާ ސްރީލަންކާއަށް ވަޑައިގެންނެވީ، އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ޕްރޮފެސަރު ޖީއެލް ޕެއިރިސްގެ ދައުވަތަކަށެވެ. ކޮމަންވެލްތުގެ ޗެއާ އިން އޮފީސްގެ ހައިސިއްޔަތުން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާ ބާއްވަވާ ހަފުލާއެއްގައި ބައިވެރިވެވަޑައިގެންނެވުމަކީ ވެސް ދަތުރުފުޅުގެ އެއް މަގުސަދެވެ.
ރާއްޖެއަށް އެކްރެޑިޓްކޮށް ސްރީލަންކާގައި ގާއިމްކޮށްފައިވާ ބައެއް ގައުމުތަކުގެ މިޝަންތަކުގެ ވެރިންނާ ވެސް ދުންޔާ ބައްދަލުކުރެއްވި އެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއާއި ފްރާންސާއި ކުވައިތުގެ އެމްބެސެޑަރުންނާ އެކަމަނާ ބައްދަލުކުރެއްވި އެވެ.