އެމެރިކާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް ހަތިޔާރަށާއި ހަނގުރާމައަށް އެންމެ ބޮޑު ޚަރަދެއް ކުރަމުންގެންދާ ޤައުމުކަމަށް ސްޓޮކްހޯމްގައި ހުންނަ ސުލްޙައިގެ ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓުން ބުނެފި އެވެ. މި އިންސްޓިޓިއުޓްގެ ތަފާސް ހިސާބުތައް ބުނާގޮތުން ދުނިޔޭގެ އެހެން ހުރިހާ ޤައުމަކުން ކުރާ ޚަރަދާ އެއްވަރުގެ ބޮޑު ޚަރަދެއް، އެމެރިކާއިން ހަމައެކަނި ހަތިޔާރަށްވެސް ކުރަމުންގެންދެ އެވެ. އަދި ދުނިޔޭގެ ފައްސަތޭކަ ފަސްދޮޅަސް ސަރަޙައްދެއްގައި ޢަސްކަރީ ބޭހާއި ޢަސްކަރީ މަރުކަޒުތައް ހަދައި އެތަންތާނގައި ޢަސްކަރީގޮތުން އެމެރިކާ ފައިހަރުކޮށްފައިވާއިރު، ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައަށް އެކަނިވެސް 3.8 ޓްރިލިޔަން ޑޮލަރު އެމެރިކާ ޚަރަދު ކޮށްފައިވާ ކަމަށް މި އިންސްޓިޓިއުޓްގެ ތަފާސް ހިސާބުގެ ރިޕޯޓްތައް ބުނެ އެވެ.


ދުނިޔޭގެ އެކިޤައުމުތަކުގައިވާ އެމެރިކާގެ 560 ޢަސްކަރީ މަރުކަޒުގެ ތެރެއިން ގިނައީ މީގެ 60 އަހަރުކުރިން ނިމުނު ދެވަނަ ބޮޑުހަނގުރާމައިގެ ޢަސްކަރީ ތަރިކައިން އެމެރިކާއަށް ވާރުތަވި ތަންތަނެވެ. ސްޓޮކްހޯމްގައި ހުންނަ ސުލްޙައިގެ ދިރާސާތަކާބެހޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެމެރިކާއާއި މެކްސިކޯގެ ހަނގުރާމައާއި އެމެރިކާއާއި ސްޕޭންގެ ހަނގުރާމައާއި 1800 އިގެ ކުރީކޮޅު ހިނގި އެމެރިކާގެ އަހްލީ ހަނގުރާމައާއި އެމެރިކާގެ އިންޤިލާބީ ހަނގުރާމައަށް ބެލިނަމަވެސް މިހުރިހާ ހަނގުރާމަތަކަށް ހިނގި ޖުމްލަ ޚަރަދަށްވުރެ ބޮޑު ޚަރަދެއް ހަމައެކަނި މިއަހަރުވެސް އަފްޣާން ހަނގުރާމައަށް އެމެރިކާ ވަނީ ކޮށްފަ އެވެ.


ހަތިޔާރު ހެދުމާއި ހަނގުރާމަ ކުރުމާ އަދި ހަނގުރާމަތަކަށް މަގުފަހިކުރުމަކީ އެމެރިކާގެ ސިޔާސަތުގެ ވަރަށް މުހިއްމު ބައެކެވެ. އަދި މިއީ އެމެރިކާގެ ޚާއްސަ ޘަޤާފަތަކަށްވެސް ވަނީވެފަ އެވެ. މިކަންކަމުގައި އެމެރިކާގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީގެ ވިސްނުންވެސް ވަރަށް އެއްގޮތް ކަމަށް މުހައްލިލުން ދެކެވަޑައިގަންނަވަ އެވެ. ނަމަވެސް މިފަހަކަށް އައިސް ކުރި ގިނަ ހަނގުރާމަތައް އެމެރިކާ ފަށާފައިވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމުގަ އެވެ.


ހަތިޔާރު އުފެއްދުމަށާއި ހަނގުރާމަކުރުމަށް އެމެރިކާ ކުރާ ޚަރަދު، ދުނިޔޭގެ ތަރައްޤީއަށް ހޭދަ ކުރެވިއްޖެނަމަ ދުނިޔޭގެ ހުރިހާ ޤައުމެއްވެސް ރަނގަޅުފެންވަރަކަށް ތަރައްޤީ ކުރެވި ދުނިޔެއިން ފަގީރުކަންވެސް މުޅިން ނައްތާލެވިދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޓޮކްހޯމްގެ އިންސްޓިޓިއުޓްގެ ރިޕޯޓްތައ ބުނާގޮތުން ހަތިޔާރު އުފެއްދުމަށާއި ހަނގުރާމަތަކަށް އެމެރިކާ ކުރާ ޚަރަދުތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް ލޮޅުން އަރައި މާލިއްޔަތު މިހާރުވަނީ ކަމީނާވާން ފަށާފަ އެވެ. އަދި އެމެރިކާގެ ފެޑްރަލް ބަޖެޓްގައި ތަރައްޤީއަށާއި އިޖްތިމާޢީ ޚިދްމަތްތަކަށް އެކަށައަޅަންޖެހޭ ބޮޑުބައެއް ވޭތުވެދިޔަ ހައެއްކަ އަހަރުތެރޭގައި އުނިކުރަންޖެހުމުގެ ސަބަބުން އެމެރިކާގެ ތަރައްޤީގެ ބޮޑެތި އެތަށް މަޝްރޫޢެއް ވަނީ ހުއްޓާލަން ޖެހިފައި ކަމަށްވެސް މިއިންސްޓިޓިއުޓްގެ ރިޕޯޓްތައް ބުނެ އެވެ.