ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ "އިންވެސްޓް މޯލްޑިވްސް 2014"ގައި އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައި ވަނީ އެއާޕޯޓަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި ރާއްޖެ ވަޑައިގެން ހުޅުލޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "އިންވެސްޓް މޯލްޑިވްސް 2014" ވަރަށް ކާމިޔާބު ކަމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އެންމެ ބޮޑު ޝައުގުވެރިކަމެއް މި އޮތީ ހަމަ އެއާޕޯޓަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ އިތުރުން ދެން އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައި ވަނީ ހުޅުމާލޭގެ އިގްތިސާދީ ތަރައްގީ އަށް ކުރެވޭ މަސައްކަތްތަކަށް ކަމަށެވެ.

"އެއާޕޯޓުގެ ހުރި ބައިތަކަށް ހަމަ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތް. އެއާއެކީގައި މި އަންނަނީ ހުޅުމާލޭގެ އިގްތިސާދީ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް،" ރައީސް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ބޭއްވި ސިމްޕޯސިއަމްގައި ބައިވެރިވި ބޭރުގެ ބައެއް ފަރާތްތަކުން ވަނީ ހުޅުމާލޭގެ އެކި މަޝްރޫއުތަކާއި ޓްރާންސްޝިޕްމަންޓް ބަނދަރާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ސިމްޕޯސިއަމްގެ ތެރެއިން ރާއްޖެ އިން ބޭރުން ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ބައެއް ވަޒީރުންނާ ވާހަކަ ދެއްކެވި ހުޅުމާލޭގެ އެކިއެކި މަޝްރޫއުތަކަށް. އަޅުގަނޑާ ހަމައަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ޓްރާންސްޝިޕްމަންޓް ބަނދަރުގެ ވާހަކަ ދެއްކި،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ރާއްޖޭގެ އިގްތިސާދީ ގިނަ ދާއިރާތަކުގައި އިންވެސްޓް ކުރުމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"ހުޅުމާލޭގައި ޓައުންޝިޕެއް ޑެވެލޮޕް ކުރަން ކުރާ މަސައްކަތުގައި ވާހަކަ ވެސް އެއާޕޯޓުގެ އެކިއެކި ކޮމްޕޯނެންޓްތަކުގެ ވާހަކަ ވެސް ޗައިނާގެ ވަރަށް ބޮޑު ކުންފުންޏަކުން އަޅުގަނޑުމެންނާ ހަމައަށް ގެނައި. ދެން އިރާދަ ކުރެއްވިއްޔާ ހީވަނީ އިތުރަށް މަސައްކަތް ކުރެވިއްޖެ ކަމަށްވަންޏާ މީގެއިން ފައިދާތަކެއް ވާނެހެން،" ރައީސް ޔާމީން ވިދާޅުވި އެވެ.