ވޭތުވެ ދިޔަ 14 އަހަރުގެ ތެރޭގައި ޑައެބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) އިން ހިންގި ތަފާތު ޕްރޮގްރާމްތަކުން 27000 މީހުން ހަކުރުބައްޔަށް ސްކްރީންކޮށްފައިވާ ކަމަށް އެ ސޮސައިޓީގެ އަހަރީ ރިޕޯޓުން ބުނެފި އެވެ.

ޑީއެސްއެމް އިން އެ ސޮސައިޓީގެ 14 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ޓްރޭޑާސް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި ވަނީ އެ ސޮސައިޓީގެ އަހަރީ ރިޕޯޓު ހުށައަޅައިދީފަ އެވެ. އެ ރިޕޯޓުން ދައްކާ ގޮތުން ޑީއެސްއެމްގެ ފަރާތުން ވޭތުވެ ދިޔަ 14 އަހަރު ކުރިޔަށް ގެންދިޔަ އެކި ޕްރޮގްރާމްތަކުގެ ތެރެއިން 27000 މީހުން ވަނީ ހަކުރުބައްޔަށް ސްކްރީންކޮށްފަ އެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1454 މެންބަރުންނާ އެކު މިހާރު ހިންގަމުންދާ ޑީއެސްއެމް އިން ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ހަކުރުބައްޔަށް މީހުން ހޭލުންތެރިކޮށް އެ ބައްޔަށް އެކި ކަހަލަ ފަރުވާތައް ދީފަ އެވެ. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ވަނީ އެ ސޮސައިޓީން އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި ދެ ފަރާތަކަށް އެވޯޑެއް ހަވާލުކޮށްފަ އެވެ. އެ އެވޯޑް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނީސާ ވިދާޅުވީ ހަކުރު ބައްޔަށް އެ ސޮސައިޓީގެ ފަރާތުން ދެމުން އަންނަ ފަރުވާއަކީ ފާހަގަކޮށްލެވޭ ހިދުމަތެއް ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް ހަކުރުބަލީގެ ކުޑަކުދިންނަށް ދެމުންގެންދާ ފަރުވާ އަނީސާ ފާހަގަކުރެއްވި އެވެ.

"މި ސޮސައިޓީން ދެމުން މި ގެންދަނީ ވަރަށް ފާހަގަކޮއްލެވޭ ވަރަށް މުހިންމު ހިދުމަތެއް. ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ދެވޭ ފަރުވާތަށް. އުންމީދު ކުރަނީ މާލޭގެ ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ އެހެން ސްކޫލްތަކުގައި ވެސް މިފަދަ ޕްރޮގްރާމްތަކެއް ކުރިޔަށް އޮތް ތާގައި ގެންދާނެ ކަމަށް." އަނީސާ ވިދާޅުވި އެވެ.

އެފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ އާންމުން ހަކުރުބައްޔަށް ހޭލުންތެރި ކުރުވައި އެ ބައްޔަށް ހޯދެން ހުރި ފަރުވާތަކަށް ހޭލުންތެރު ކުރުވުނު ކަމަށް ވެސް އަނީސާ ވިދާޅުވި އެވެ. ކުރިޔަށް އޮތްތާގައި ވެސް ހަކުރުބައްޔަށް މީހުން ހޭލުންތެރި ކުރުވާ ހަކުރުބަލި ހުންނަ މީހުންނަށް ފަރުވާ ދިނުމަށް ޑީއެސްއެމް އިން ވަނީ ގިނަ ޕްރޮގްރާމްތަކެއް ރާވާފަ އެވެ.