26 Apr 2014, 23:25
ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވާރު"ގެ ދަށުން ހޮންކޮންގްގެ ސަންގްރިއްލާ އިން ރާއްޖޭގައި ހިންގަމުން އަންނަ ޓްރޭޑާސް ހޮޓެލް އިން 17 ކުއްޖަކަށް ފުރުސަތު ދީފި އެވެ.
އިންޓާންޝިޕްގެ ޕްރޮގްރާމް، ޓްރޭޑާސް ހޮޓެލްގައި ފުރިހަމަކުރާ ދަރިވަރުންނަށް ރަސްމީކޮށް އިންޓާންޝިޕް ހަވާލުކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ މުހްޔިއްދީން ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި ކަލާފާން ސްކޫލްގެ އަދި ޖަމާލުއްދީން ސްކޫލާއި ޓްރޭޑާސް ހޮޓަލާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އެގޮތުން އެ އެމްއޯޔޫގައި މުހްޔިއްދީން ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު އެވެ. މަޖީދިއްޔާ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝީޒާ އަލީ އެވެ. ކަލާފާނު ސްކޫލްގެ ފަަރާތުން ސޮއިކުރެއްވީ ނަޒްލީން ވާފިރު އެވެ. ޖަމާލުއްދީން ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އައިޝަތް ޝީޒާ އެވެ.
އެމްއޯޔޫގައި ޓްރޭޑާސް ހޮޓަލުގެ ފަރާތުން އެ ހޮޓަލުގެ ޖެނެރަލް މެނޭޖަރު ވަތުސަލާ ސުބަރަމާނިއަމް ސޮއިކުރެއްވި އިރު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
ރަސްމިއްޔާތުގައި ޝަރަފުވެރި މެހްމާން، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތްކުރަނީ އެއްވެސް ކުއްޖަކު ބާކީ ނުވާނެ ގޮތަކަށް ކަމަށެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމް އެކިތަންތަނުން ފުރިހަމަ ކުރާ ކުދިންނަކީ މަސައްކަތުގެ ދާއިރާ އަށް ނުކުމެވޭ ވަރުގެ ކުދިންނަށް ހަދައިދޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ޕްރޮގްރާމަށް އަމިއްލަ ކުންފުނިތަކުންނާއި އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ދޭ ޔަގީންކަމަށްޓަކައި މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
ޓްރޭޑާސް ހޮޓަލުން ބުނީ، އިންޓާންޝިޕް ފުރިހަމަކުރާ ކުދިން އެތަނުގައި ހަފްތާއަކު ތިން ދުވަހު މަސައްކަތްކުރާނެ ކަމަށާއި ހަފްތާގެ ދެ ދުވަހު އެކުދިން ސްކޫލަށްދާނެ ކަމަށެވެ. އަދި ސްކޫލުގައި އެކުދިން ކިޔަވާނީ މަޖްބޫރު ހަތަރު މާއްދާ ކަމަށްވާ، އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު ކަމަށާއި އެ ހަތަރު މާއްދާއިން ޖީސީއޯ ލެވެލްގައި ވެސް ބައިވެރިވާނެ ކަމަށް އެ ހޮޓެލުން މައުލޫމާތު ދެ އެވެ.
އިންޓާންޝިޕް މިއަދު ޓެރޭޑާސް ހޮޓަލުގައި ތައާރަފްކޮށްފައިވާ އިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަންގެ އިތުރުން ބައެއް އަމިއްލަ ތަންތަނުގައި ވެސް ވަނީ އެ ޕްރޮގްރާމް ފަށާފަ އެވެ.