26 Apr 2014, 22:52
އެއް ފަހަރާ ނޫނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް ފައިސާ ދައްކަން އެއްބަސްނުވާ ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށް ނުދޭ ގޮތަށް ޓޫރިޒަމް ގަވާއިދު އިސްލާހުކޮށްފި އެވެ.
މި މަހު 17 ވަނަ ދުވަހުގެ ތާރީހުގައި ޓޫރިޒް މިނިސްޓްރީ އިން ގެޒެޓްގައި ޝާއިކުރި އިއުލާނެއްގައި ބުނީ ރިސޯޓްތަކުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުން މަޖިލީހުން އަލަށް ފާސްކޮށްފައިވާ އެ އުސޫލާ އެއްގޮތަށް، ރިސޯޓްގެ މުއްދަތު އިތުރުކުރަން ބޭނުން ނުވާ ރިސޯޓްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެކަން މިނިސްޓްރީ އަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދު ބުނާ ގޮތުން އެ މުއްދަތު ހަމަވާ އިރު ކުލީގެ މުއްދަތު އިތުރު ކުރުމަށް އިއުތިރާޒު ނުކުރާ ރިސޯޓްތަކަކީ މުއްދަތު އިތުރުކުރަން އިއުތިރާޒު ނުކުރާ ރިސޯޓްތައް ކަމަށް ނިންމޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. މުއްދަތު އިތުރު ކުރަން ބޭނުން ނުވާ ކަމަށް އަންގައިފި ނަމަ، ސަރުކާރާ އެކު ހަދާފައިވާ ލީޒް އެގްރިމަންޓްގައިވާ ކުލީގެ މުއްދަތު އިތުރު ކުރުމާ ގުޅޭ މާއްދާތައް ބާތިލު ވާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
ޓޫރިޒަމް ގަވާއިދު ބުނާ ގޮތުން މުއްދަތު އިތުރުކުރަން ބޭނުންވާ ރިސޯޓްތަކުން މުއްދަތު އިތުރު ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެ އަހަރު ދުވަހަށް އިންސްޓޯލްމަންޓަކަށް ބަހާލައިގެން ދެއްކި ދާނެ އެވެ. އަދި އެއް ފަހަރާ ވެސް އެ ފައިސާ ދެއްކި ދާނެ ކަމަށް ޓޫރިޒް މިނިސްޓްރީ އިން ބުންޏެވެ.
ރިސޯޓްތަކުގެ ކުލީގެ މުއްދަތު 50 އަހަރަށް އިތުރު ކުރުމަށް ސަރުކާރުން ނިންމީ މުއްދަތު އިތުރު ކުރާ ކޮންމެ އަހަރަކަށް 100،000 ޑޮލަރު ދައްކަން ޖެހޭ ގޮތަށެވެ.