26 Apr 2014, 19:01
މާލޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި އުމުރުން ދުވަސްވީ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ އުމުރުން ދުވަސްވީ މީހާ މަގު ހުރަސްކުރަނިކޮށް، ސައިކަލުން ޖެހި ކަމަށެވެ. އެ އެކްސިޑެންޓޫގައި ޒަޚަމްވެފައި ވަނީ ނ. ވެލިދޫ، މުނިޔާވިލާ، އަބްދުﷲ އަޒީޒް، 60، ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޑޮކްޓަރާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި އެމީހާގެ ބޮލުގެ ނާށިގަނޑުގެ ދެ ތަނަކުން ރެނދުލައި ކަންފަތުންނާއި ނޭފަތުން ވެސް ލޭ އަންނަމުންދާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގުމާ އެކު ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އެކްސިޑެންޓު ހިނގުމާ އެކު ސައިކަލް ދުއްވަން އިންމީހާ ވަނީ ފިލާފައި. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިފަހަކަށް އައިސް މާލެއާއި އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންތުތައް ހިނގުން ވަނީ އިތުރުވެފަ އެވެ. މި މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހަކު ވެސް ހިމެނެ އެވެ.