26 Apr 2014, 14:58
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާގޮތުގައި އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާ އުމަރުގެ މައްޗަށް އުފުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފަހުކޮޅު އެމްއެމްއޭ ކައިރީ ކުރި މުޒާހަރާއެއްގައި ހަރުގަނޑަކުން ފާރެއްގެ މައްޗަށް އެރުމަށް ގޮވާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މުޒާހަރާގައި އުމަރު ވިދާޅުވެފައި ވަނީ "މުޒާހަރާ ހަރަކާތަކަށް ބަދަލުކޮށް އެހަރަކާތުގެ ތެރެއިން 2000 ވޮލަންޓިއަރުން ނަގައި އެމީހުން ހަރުގަނޑެއް ހިފައިގެން ގޮސް ހަރުގަނޑުން އަރާ އަޅުގަނޑު ބުނާ ފާރުމަތިން ފުއްމާލަން،"ވެއްޖެ ކަމަށެވެ.
ގާނޫނުލް އުގޫބާތު ބުނާގޮތުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނޫންނަމަ ގޭ ބަންދު ކުރުމެވެ.