26 Apr 2014, 14:38
އިޓަލީގެ އިންޓަ މިލާނުގެ ކޯޗުކަމުގައި ރަފައެލް ބެނިޓޭޒް ހުރި އިރު، އެ ޓީމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިން ކަމުގައި އޭނާ ބުނެފި އެވެ.
މިހާރު ނަޕޯލީގެ ކޯޗުކަމުގައި ހުރި ބެނިޓޭޒް 2010 ވަނަ އަހަރު އިންޓަގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެ، މާ ބޮޑު ކާމިޔާބެއް ހޯދައިދެވިފައެއް ނުވެ އެވެ. އިންޓައާ ހަވާލުވިތާ ހަ މަސް ފަހުން އެ ކްލަބުގެ ކޯޗުކަމުން ބެނިޓޭޒް ވަކިކުރީ އޭނާ އަށް ކާމިޔާބެއް ހޯދައިދެވިފައި ނުވާތީ ކަމަށް ބުނެ އެވެ.
އިންޓަގެ ކޯޗުކަމުގެ މަގާމުން ބެނިޓޭޒް ވަކިކުރި ފަހުން އެ ކްލަބުގެ ދަނޑަށް ނަޕޯލީއާ އެކު މިއަދު އޭނާ ނުކުންނާނެ އެވެ. އިންޓައާ ދެކޮޅަށް މިއަދު ނުކުންނަ އިރު، މި މެޗަކީ ޔޫރަޕުގެ މުބާރާތްތަކަށް ކޮލިފައިވުމަށް ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށް ވާނެ އެވެ.
"އަހަރެން އަބަދުވެސް ވިސްނީ އިންޓަ އަށް ކާމިޔާބީ ހޯދައި ދިނުމަށް،" ނަޕޯލީގެ ކޯޗު ބުންޏެވެ. "އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް އެ ކްލަބަށް ކޮށްދިނިން. އަހަރެންނާއި އެ ކްލަބުގެ ސަޕޯޓަރުންނާއެކު އޮތީ ރަނގަޅު ގުޅުމެއް. އަދި އަހަރެން އެ ޓީމަށް ދެ ތަށި ހޯދައިދިނިން. މިހާރު އަހަރެން ވިސްނަނީ ނަޕޯލީއާ މެދު،"
ލިވަޕޫލް އަށް ކޯޗު ކޮށްދިނުމަށް ފަހު، އިންޓަ އާއި ހަވާލުވުމަށް ފަހު ބެނިޓޭޒް ވަނީ އެ ކްލަބަށް ސުޕަ ކޮޕާ އިޓަލިއާނާ އާއި ފީފާ ކްލަބު ވޯލްޑް ކަޕު ހޯދައި ދިނުމަށް އެހީތެރިވެދީފަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ އަށް އެ ކްލަބު ހަމައަކަށް އެޅުވިފައެއް ނުވެ އެވެ.
"އިންޓަގެ ދަނޑަށް ނުކުންނަ އިރު، އަހަރެން ވިސްނާނީ މެޗާއި މެދު. މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެއް. އަހަރެމެން ބޭނުން ޔޫރަޕްގައި ވާދަކުރަން. އެހެންކަމުން މި މެޗުން މޮޅުވެ، ގަދަ ތިނެއްގައި އޮތުމަކީ މުހިންމު ކަމެއް. އަހަރެމެން ނުކުންނަން ޖެހޭނީ މޮޅުވާން،" ބެނިޓޭޒް ބުންޏެވެ.
އިޓާލިއަން ސެރީއާގައި އިންޓައާ ދެކޮޅަށް ނަޕޯލީ ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ. މި މެޗަށް ނުކުންނަ އިރު، ނަޕޯލީ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އަދި އިންޓަ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ.