ލެޕްޓޮޕަކާއި މޯބައިލް ފޯނެއް ވަގަށްނެގި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ޏ. ފުވައްމުލައް، ޑޭލައިޓް، އިބްރާހީމް އަޝްފާގު އަހްމަދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ގ. އުތީމުގޭގެ ހަތްވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެއްގެ ލެޕްޓޮޕާއި މޯބައިލް ފޯނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު އޭނާގެ އަތުން އެތަކެތި ފެނިފައިވާ ކަމަށެވެ.

ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް އަޝްފާގު ގެނެސް އޭނާގެ އަތުގައި އޮތް ދަބަހެއް ބަލައި ފާސްކުރި އިރު، ގ. އުތީމުގޭގެ ހަތްވަނަ ފަންގިފިލާގައި ދިރިއުޅޭ މީހެއްގެ އަތުން ގެއްލުނު ލެޕްޓޮބާއި މޯބައިލް ފޯނު އޭގައި އޮތްކަމަށް ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

"މިތަކެތި އިބްރާހީމް އަޝްފާގު އަހްމަދު ގެންގުޅުނު ދަބަސްތެރޭގައި ހުންނަންޖެހޭ އެއްވެސް ސަބަބެއް އިބްރާހީމް އަޝްފާގު އަހްމަދަށް ދެއްކިފައިނުވާތީ ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ވައްކަންކުރުމުގެ ކުށުން އިބްރާހީމް އަޝްފާގު އަހްމަދު ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން އިބްރާހީމް އަޝްފާގު އަހްމަދު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.