26 Apr 2014, 14:00
ދުވާފަރުގެ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން "މަގޭ ވެށި – މަގޭ ޒިންމާ"ގެ ނަމުގައި މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.
ދުވާފަރު ކައުންސިލްގެ ނައިބު ރައީސް އާމިރު އަހުމަދު މިއަދު ސަން ވިދާޅުވީ އެއްދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ އެ ބައްދަލުވުމުގެ ބޭނުމަކީ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް އަދި މުޖުތަމަޢުގައި ހުރި މައްސަލަތައް ހުރިހާ މުއައްސަސާތަކުން އެއް މޭޒެއްގެ ދޮށަށް އައިސް މަޝްވަރާކޮށް އެފަދަ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
މިއަދު ހެނދުނު ފެށިގެން ކުރިޔަށްދާ އެ ބައްދަލުވުމުގައި ދުވާފަރު ކައުންސިލާއި ސިއްހީމަރުކަޒާއި ދުވާފަރު ޕޮލިސް ސްޓޭޝަންގެ އިތުރުން ދުވާފަރުގައި ހުރި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި މައައްޒަފުން ބައިވެރިވާކަމަށް އާމިރު ވިދާޅުވި އެވެ.
އެ ބައްދަލުވުން ހުއްޓުމެއްނެތި ސިލްސިލާކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އާމިރު ވިދާޅުވި އެވެ.