ދިވެހި ބަހުގެ އެކަޑަމީން ބާއްވަމުން އަންނަ މުޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ 31 ވަނަ މުބާރާތް މިއަދު ނިމިއްޖެ އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ގައުމީ މުބާރާތް ބާއްވަމުން އައިސްފައި ވަނީ މާލޭގައި އެކަނި ކަމުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ މަދު ދަރިވަރުންތަކަކަށް ކަމަށެވެ.

ނަމަވެސް މިއަހަރަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއްވަގުތެއްގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރު ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުނގަޑުމެންގެ އެންމެ ބޮޑު ހުވަފެނަކީ، ކޮންމެ ރަށެއްގައި ކަނޑައެޅޭ ވަކި މަރުކަޒެއްގައި އެ މުބާރާތް ބޭއްވުން،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޒުމޫން ލިޔުމުގެ މުބާރާތް ކުރިއަށް ގޮސްފައި ވަނީ މިއަދު ހެނދުނު 10:30 އިން 12:30 އަށް ކަމަށެވެ. އަދި ރާއްޖޭގެ 11 ސަރަހައްދެއްގައި ކުރިއަށްދިޔަ އެ މުބާރާތުގައި 31 ސްކޫލަކުން 370 ދަރިވަރުންނާއި އަމިއްލަ ގޮތުން 19 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މާލޭ ސްކޫލްތަކުގެ ދަރިވަރުންނަށް ހިރިޔާ ސްކޫލުގައި މަޒުމޫން ލިޔުމުގެ މުބާރާތް ކުރިއަށްދިޔަ އިރު، ހއ، ހދ، ތ، ކ، ޏ، ސ، މ، ނ. އަތޮޅުގެ އިތުރުން އދ. އަދި ގދ. އަތޮޅުގައި ވެސް އެ މުބާރާތް ވަނީ ބާއްވައިފަ އެވެ.

މަޒުމޫން ލިޔުމުގެ މުބާރާތުގައި ސްކޫލްތަކުގެ ބައި ކުރިއަށް ދިޔައީ ތިން އުމުރު ފުރައަކަށެވެ. އެއީ 13 އަހަރުން ދަށާއި 13 އަހަރާއި 16 އަހަރާއި ދެމެދާއި 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރަ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން 18 އަހަރުން މަތި އަދި 18 އަހަރުން ދަށުގެ އުމުރު ފުރައިން ވެސް މީހުން ވަނީ ބައިވެރިވެފަ އެވެ.

މަޒުމޫން ލިޔުމުގެ މުބާރާތް މިއަދު ނިމުނު އިރު، ގައުމީ ކުރު ވާހަކަ ލިޔުމުގެ މުބާރާތުގެ 28 ވަނަ މުބާރާތް މިއަދު މެންދުރު ފަހު 2:30 ގައި ފަށާނެ އެވެ.

އަޝްރަފް ވިދާޅުވީ، މަޒުމޫންގެ ލިޔުމުގެ މުބާރާތެކޭ އެއްގޮތަށް ރާއްޖޭގެ 11 ސަރަހައްދެއްގައި ބާއްވާ އެ މުބާރާތުގައި ރާއްޖޭގެ 29 ސްކޫލަކުން 264 ދަރިވަރުންނާއި އަމިއްލަ ގޮތުން 21 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ކުރުވާހަކަ ލިޔުމުގެ މުބާރާތް ސްކޫލްތަކުގެ ބައި ކުރިއަށްދަނީ ދެ އުމުރު ފުރައަކަށެވެ. އެއީ 13 އަހަރާއި 16 އަހަރާއި ދެމެދާއި 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރަ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން 18 އަހަރުން މަތި އަދި 18 އަހަރުން ދަށުގެ އުމުރުފުރާގައި ވެސް މީހުން ބައިވެރިވެފައިވެ އެވެ.

މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތާއި މިއަދު މެންދުރު ފަހު ބާއްވަން ހަމަޖެހިފައިވާ ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 700 އާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ބައިވެރިވެފައިވާ ކަމީ، އުފާކުރާ ކަމެއް ކަމަށްވެސް އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމީ މަޒުމޫން ލިޔުމުގެ މުބާރާތާއި ގައުމީ ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ވަނަތައް ހޮވާނީ ކޮންމެ އުމުރު ފުރައަކަށް ދިވެހި ބަހުގެ އެކަޑަމީން ކަނޑައަޅާ، ތަޖުރިބާ ހުރި ފަނޑިޔާރުންގެ ޓީމަކުން ކަމަށެވެ. ނަމަވެސް ވަނަތައް އިއުލާން ކުރާނެ ވަކި ތާރީހެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.