އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކުރުމަށް ވެފައި އޮތް އެއްބަސްވުން އުވާލުމާ ގުޅިގެން ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ އަދަދު މަދު ނުކުރެވޭނެ ކަމަށް ޖީއެމްއާރުން ބުނެފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި ގާއިމްވެފައިވާ ޖީއެމްއާރުން މިހެން ބުނެފައި ވަނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.

"... ދިވެހި ރާއްޖޭގެ ސަރުކާރުން އެއާޕޯޓް ގަދަކަމުން އަތުލި އަތުލުމަކީ ރަނގަޅު އެއްބަސްވުމަކާ ދެކޮޅު ހެދުމެވެ. އެހެންވީމާ ލިބުނު ގެއްލުމަށް ބަދަލުދޭން ޖެހޭނެ އެވެ. މުސްތަގުބަލުގައި ލިބެން އޮތް ފައިދާ ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ. އެގޮތުން ޖީއެމްއާރުން ހޯދަން އެދެނީ 1.4 ބިލިޔަން ޑޮލަރެވެ،" ޖީއެމްއާރުން އިއްޔެ ނެރުނު ބަޔާނުގައިވާ ކަމަށް އިންޑިއާގެ އިކޮނިމިކް ޓައިމްސްގައިވެ އެވެ.

ޖީއެމްއާރުން މިބަޔާން ނެރެފައި މިވަނީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެފައި ވަނިކޮށެވެ.

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ފުރާވަޑައިގަންނަވަމުން ރައީސް ޔާމީނު ވިދާޅުވީ ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ދޭން ޖެހޭ ބަދަލު ކުޑަކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

"ޖީއެމްއާރަށް ބަދަލު ދޭންޖެހޭނެ. އަޅުގަނޑުމެންގެ މަސައްކަތަކީ ޖީއެމްއާރަށް ދޭންޖެހޭ ބަދަލު ކުޑަކުރުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޖީއެމްއާރުން ބަދަލު ހޯދުމަށް ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ އާބިޓްރޭޝަންގެ އަޑުއެހުންތައް ނިންމުމަށް ފަހު ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވެސް ރައީސް ވަނީ ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން ބާތިލު ކުރީ، އެ އެއްބަސްވުމަކީ އުފެއްދި ދުވަހުން ފެށިގެން ވެސް ބާތިލު އެއްބަސްވުމެއް ކަމަށް ބުނެ އެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ޖީއެމްއާރަށް ދައްކަންޖެހޭ ބަދަލު ކުޑަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން ނިމިގެންދާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.