26 Apr 2014, 12:36
ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް، އުމުރުން 45 އަހަރުގައި ސްޕެއިންގެ ބާސެލޯނާގެ ކުރީގެ ކޯޗު ޓިޓޯ ވިލަނޮވާ މަރުވެއްޖެ އެވެ.
ކުރީގެ މިޑްފީލްޑަރުގެ ހާލު ދެރަވުމުން މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރު، އޭނާ އަށް ވަނީ ބަނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. ބާސެލޯނާގެ ރައީސް މަރިއާ ބާޓޮމެއު ބުނި ގޮތުގައި، ވިލަނޮވާ މަރުވީ ދިރިހުރުމަށްޓަކައި ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށެވެ.
އިއްޔެ މަރުވި ވިލަނޮވާގެ ކެންސަރުގެ ހާލަތު ގޯސްވަމުން ދިޔައީ، ބާސެލޯނާގެ ކޯޗު ކަމުގައި ޕެޕް ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރީ އެންމެ ފަހު ސީޒަނުގަ އެވެ. ގާޑިއޯލާ ބާސެލޯނާ ދޫކޮށްލުމާއެކު 2012 ވަނަ އަހަރު އެ ކްލަބުގެ ކޯޗުކަމާއި ހަވާލުވީ ވިލަނޮވާ އެވެ.
ވިލަނޮވާގެ ކެންސަރަށް ފަރުވާ ހޯދުމަށްޓަކައި ފުރަތަމަ ސާޖަރީއެއް ހެދީ ބާސާގެ ކޯޗެއްގެ ގޮތުގައި ހުރެ، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސާޖަރީ އަށް ފަހު 2013 ވަނަ އަހަރުގެ މާޗް މަހު އަލުން ބާސާއާ ގުޅި އޭނާ ވަނީ އެ ކްލަބަށް ސްޕެނިޝް ލަލީގާ ހޯދައި ދިނުމަށް އެހީތެރިވެދީފަ އެވެ.
ފުޓްބޯޅަ އަދި ވިލަނޮވާގެ އާއިލާ އަށް މި ލިބުނު ހިތާމައިގެ ސަބަބުން ގިނަ ބަޔަކު ދަނީ އޭނާ އަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. އެގޮތުން ކޯޗުންނާއި ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ދަނީ އެކަމާއި ހިތާމަ ފާޅުކޮށް ތައުޒިޔާ މެސެޖުތައް ފޮނުވަމުންނެވެ.