26 Apr 2014, 12:28
އިޓާލިއަން ސެރީއާގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭސީ މިލާނުގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ބޭލުމުން ކޯޗާއި ޓީވީ ޕްރެޒެންޓަރުންނަށް ފާޑު ކިޔައިފި އެވެ.
އިއްޔެ ކުޅުނު މެޗުގެ 69 ވަނަ މިނެޓްގައި ބަލޮޓެލީގެ ބަދަލުގައި މިލާނުގެ ކޯޗު ކްލެރަންސް ސީޑޯފް ކުޅެން އެރުވީ ޖިއަމްޕައޮލޯ ޕަޒިނީ އެވެ. މި މެޗުގައި ސްކައި ސްޕޯޓްސް އިޓަލިއާގެ ޕްރެޒެންޓަރުން ކަމަށްވާ ޖިއަންކާލޯ މަރޮޗީ އާއި، ޒުވޮނިމިރް ބޮބާން އަދި ކްރިސްޓިއަން ޕަނޫޗީ ދެއްކި ވާހަކަތަކާއި މެދު ހިތްހަމަ ނުޖެހިގެން އެ މީހުންނަށް ވެސް ބަލޮޓެލީ ވަނީ ފާޑު ކިޔައިފަ އެވެ.
"އަހަރެން ބާލަން ޖެހުނު ސަބަބެއް އަހަރެންނަކަށް ނޭނގޭ،" އޭނާ ބުންޏެވެ. "ސްޓީޑިއޯގައި ހުރެ ދެއްކި ވާހަކައިގައި އަހަރެން ބާލަން ޖެހުނީ މޮޅު ކުޅުންތެރިއަކަށް ނުވުމުން ކަމަށް ބުނި. އެ ސްޓޫޑިއޯގައި ތިބި މަރޮޗީ އަކީ ފުޓްބޯޅަ އެނގޭ މީހެއް ނޫން. އަހަރެންނަކީ އެންމެ މޮޅު ކުޅުންތެރިޔާއެކޭ އެއް އަހަރެން ދުވަހަކު ވެސް ނުބުނަށް،"
ބަލޮޓެލީ ބުނީ، ޕެރެޒެންޓަރުންގެ އެއްވެސް ފާޑުކިޔުމެއް ނުވަތަ އެއްވެސް އެހީއެއް އޭނާ ބޭނުން ނުވާ ކަމަށާއި އަބަދުވެސް އެ މީހުންގެ ކަމަކީ ފާޑުކިޔުން ކަމަށެވެ.
"ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއް. ކޮންމެ މެޗެއްގައި ލަނޑެއް ވެސް ނުޖެހޭނެ. އެކަމަކު އޭގެ މާނައަކީ ޓީމުން ފުރުސަތު ގެއްލުނީއެކޭ ނޫން،" އޭނާ ބުންޏެވެ. "ޕްރެޒެންޓަރުން އަހަރެންނާ މެދު ވާހަކަ ދައްކައި، އަބަދު އަހަރެންނަށް ފާޑު ކިޔަން ޖެހޭ ސަބަބެއް އަހަރެންނަކަށް ނޭނގޭ،"