ކ. ގުރައިދޫގައި ހިލޭ ޑޮކްޓަރަަށް ދެއްކޭ "މެޑިކަލް ކޭމްޕެއް" މިއަދު ފަށައިފި އެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމިން މުހައްމަދު "ސަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިއަދު ހެނދުނު ފެށި އެ ކޭމްޕަކީ ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ އިން އިސްނަގައިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އެ ކޭމްޕްގައި ހަ ދާއިރާއަކުން ހާއްސަ ޑޮކްޓަރުން ބައިވެރިވަޑައިގަންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޭމްޕްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި އޮޕްރޭޝަންތަކަށް ހާއްސަ ޑޮކްޓަރަކާއި އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ހަމުބަލީގެ ހާއްސަ ޑޮކްޓަރެއްގެ އިތުރުން ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކު ބައިވެރިވަޑައިގަންނަވާ،" ޔާމިން ވިދާޅުވި އެވެ.

ގުރައިދޫ ސިއްހީ މަރުކަޒުގައި އާއި އެ ރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ގެންދާ މި ކޭމްޕްގައި ކޮންމެ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ މައުލޫމާތުދީފަ އެވެ.

އެ ހަރަކާތްކުރިއަށް ދާނީ އެއްދުވަހުގެ ނިޔަލަށްކަމަށާއި ނަމަވެސް މަހަކު އެއްފަހަރު އެފަދަ ކޭމްޕްތައް ބޭއްވުމަށް މަޝްވަރާކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.