ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ޢުދުވާނީ ހަނގުރާމައަށް ދެއަހަރުފުރުން ހިފާފައިވާ ބިންތަކުގަ އާއި ދުނިޔޭގެ އެކިޤައުމުތަކުގައި ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރަމުން އެބަގެންދެއެވެ. 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ޢުދުވާނީ ހަނގުރާމައިގާ އިސްރާއީލުންވަނީ އެއްވެސް ޙައްޤަކާނުލައި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 1400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 5000 އެއްހާމީހުން ޒަޚަމްކޮށްލާފަ އެވެ.


ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ފަލަސްތީނުގެ އެތަށް ސަތޭކަ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. މީގެއިތުރުން އިސްރާއީލުވަނީ ބައިނަލްއަޤްވާމީ ގޮތުންމަނާ ހަތިޔާރުތައް ވެސް ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކޮށް ޣައްޒާގެ ޢާންމުން ދިރިއުޅޭ ގެދޮރަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާއި މަދަނީ އިންފްރާސްޓްރަކްޗަރ ތަކަށް ބޮމާއި މިސައިލްގެ ވަރުގަދަ ޙަމަލާތަކެއްދީ ޣައްޒާގެ ބޮޑުބައެއް ތަޅައި ސުންނާފަތިކޮށްލާފައެވެ.


ބާވީސް ދުވަސްވަންދެން އިސްރާއީލުން ހިންގި މި ޢުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވެސް އިސްރާއީލުގެ ޢަސްކަރީ މަރުކަޒުތަކަށާއި ޔަހޫދީ އަބާދީތަކަށް ޙަމަލާދީ އިސްރާއީލު ސިފައިންގެ އެތަށް ބަޔަކު މަރާލާފައިވެއެވެ.


އިސްރާއީލުގެ މިޢުދުވާނަށް ދެއަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ލަންޑަންގައި އެތަށް ހާސްބަޔަކު އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އިއްޔެ އަޑުއުފުލިއެވެ. އަދި ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސް ގައާއި ޢަރަބި އަދި އިސްލާމީ ބައެއް ޤައުމުތަކުގައާއި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ވެސް ޣައްޒާގެ ހަނގުރާމައިގެ ހިތި ހަނދާންތައް ފަލަސްތީނުގެ ރައްޔިތުންނާއި ސުލްޙައަށް ލޯބިކުރާ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.


ޣައްޒާގެ ހަނގުރާމައިގާ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްހަނގުރާމައިގެ ޖަރީމާ ހިންގިކަން އދ. ގެތަޙްޤީޤްތަކުން ސާބިތުވުމާ ގުޅިގެން އިސްރާއީލުގެ އިސްވެރިން ބައިނަލްއަޤްވާމީ ޢަދާލަތަށް ޙާޒިރު ކުރުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ފަލަސްތީނުގެ ޖަމާޢަތްތަކުންވަނީ ގޮވާލާފައެވެ. - ޖަވާދު