ކާމިޔާބު ފުޓްސަލް މުބާރާތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އައިޑިއާސް ކަޕުގެ ގުރު ނަގައިފި އެވެ.

ބްރާވިއާ އައިޑިއާސް ކަޕުގައި މިއަހަރު 28 ޓީމަކުން ބައިވެރިވި އިރު، މުބާރާތުގެ ގުރު ނެގުން ރޭ ކުރިއަށް ދިޔައީ ރީފްސައިޑްގަ އެވެ. އެ 28 ޓީމު ހަތް ގްރޫޕަކަށް ބަހައިލި އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. މުބާރާތް ކުރިއަށް ދާނީ އަންނަ މަހު ނުވަ ވަނަ ދުވަހުން ފެށިގެން ޖޫން މަހު ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ހއ. ކެލާގެ އައިލެންޑް ޑިވެލޮޕްމެންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނެސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް އަދި ކްލަބު ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވެފައިވެ އެވެ.

ގްރޫޕް އޭ ގައި ހިމެނެނީ ތުރާކުނު އައިލެންޑް ޑޭވެލޮޕްމެންޓް ސޮސައިޓީ (ޓިޑްސް) އާއި ތަކަންދޫގެ ސްޕޯޓްސް ކްލަބު ވެލޮރަސް އާއި ސޮސައިޓީ ފޯ އަލިފުށީ ޔޫތު (ސޭ) އަދި އެލައިޑް އިންޝުއަރެންސް އެވެ. ގްރޫޕް ބީގައި ހިމެނެނީ އިސްލާމިކް އެފެއާޒް އާއި ރީފްސައިޑް އާއި ކެލާގެ ޓޮރެންޓް އަދި ބާރަށެވެ.

ގްރޫޕް ސީގައި ކެލާގެ މެކާނޯ އާއި ސަން މީޑިއާ އާއި މާފަރު އަދި ހިތާދޫގެ ބަރާބަރު ހިމެނޭ އިރު، ގްރޫޕް ޑީގައި ހިމެނެނީ ސްޓެލްކޯ އާއި ވަށަފަރުގެ ވިދާ އާއި އަޔާޑީ ޓަކަފުލް އަދި ރައީސް އޮފީސް އެވެ. ގްރޫޕް އީ ގައި ހިމެނެނީ ދިއްދޫގެ އެލްއެލް ސްޕޯޓްސް އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ކެލާގެ ވިންސެންޑޯ އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

ގްރޫޕް އެފްގައި ހިމެނެނީ އޮމަދޫ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރައްޔިތުންގެ މަޖިލީސް އަދި ފިނޭންސް މިނިސްޓްރީ އެވެ. އަދި ގްރޫޕް ޖީ ގައި ހިމެނެނީ މާލޭ ސިޓީ ކައުންސިލާއި ކެލާގެ ރޫޓް އެކްސް އާއި ނަސަންދުރާ އަދި ކެލާގެ ކިހައްޑިހަ އެވެ.

އައިޑިއާސް ކަޕުގެ ފޯރި އިތުރު ކުރުމަށްޓަކައި މުބާރާތުގެ އެއްވެސް މެޗެއް އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ މެޗުތައް އޮންނަ ދުވަސްތަކުގައި މުބާރާތުގެ އެއްވެސް މެޗެއް ނޯންނާނެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ އިނާމެއް ލިބޭ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭގޮތަށް ހަމަޖެހިފައިވާ، މުބާރާތުގެ ފެއާ ޕްލޭ ޓީމާއި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އައިޑިއާސް އިން މި މުބާރާތް ބާއްވާ އެންމެ ބޮޑު މަގަސަދަކީ އެ ޖަމްއިއްޔާއިން ހިންގާ އިޖްތިމާއި ހަރަކާތްތައް ކަމަށްވާ ތިމާވެށި ހިމާޔަތް ކުރުމުގެ ހަރަކާތްތަކާއި އަދި އެކަމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކާއި ޒުވާނުންނަށް ހާއްސަކޮށްގެން ފަންނީ އެކިއެކި ކޯސްތައް ހިންގުމާއި ޒުވާނުން އަދި ހާއްސަކޮށް އަންހެނުން ބާރުވެރި ކުރުމަށް ހޭލުންތެރިކަމުގެ ވޯކްޝޮޕްތައް ހިންގުމާއި، ކުޅިވަރާއި ސަގާފަތް ދިރުވައި އާލާ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

އައިޑިއާސް ކަޕުގެ މެއިން ސްޕޮންސަރުންނަކީ ރީފްސައިޑް އެވެ. ކޯ ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ސަން އޮންލައިން އެވެ. އަދި ޕްރިންޓިންގް ޕާޓްނަރުންނަކީ އެމް ސެވަން ޕްރިންޓް އެވެ.