26 Apr 2014, 10:12
އދ. މަޖިލިސް (އެޕްރީލް 26): ރޭޕްކުރުމާއި ޖިންސީ ގޯނާކުރުންފަދަ ޖިންސީ ޖަރީމާތައް ދުނިޔޭގައި އާންމުންވަމުންދާ ކަމަށް އދ. ން ބުނެފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ނެރުއްވި އަހަރު ރިޕޯޓްގައި ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ އަދި ނަސްލީ ތަޅާފޮޅުންތަކާއި ހަނގުރާމަތަކުގައި ހަތިޔާރެއްގެ ގޮތުން ރޭޕްކުރުމާއި ޖިންސީ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާކަން ފާހަގަކޮށްފައިވާ އިރު ހަނގުރާމައިގެ މާހައުލުގައި ނޫނަސް ރޭޕްކުރުމާއި ޖިންސީ ގޮތުން ގޯނާކުރުމުގެ ޖަރީމާ މުޅި ދުނިޔޭގައި ވެސް އާންމުވެ އެޖަރީމާތަކުގެ ޝިކާރައަކަށް ދެޖިންސުގެ މީހުން ވެސް ވެފައިވާކަން ސާވޭތަކުން ހާމަވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ޖިންސީ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރައްވާ އދ.ގެ އެންމެ އިސް މަސްއޫލުވެރިޔާ ޒައިނަބު ހައްވާ ބަންގޫރާ ވިދާޅުވީ ރޭޕްކުރުމާއި ޖިންސީ ޖަރީމާތަކުގެ ޝިކާރައަކަށް ދެޖިންސުގެ ކުޑަކުދިން ވެފައި ވީނަމަވެސް ބޮޑެތި މީހުންނަށްބަލާ އިރު މިޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވަނީ މައިގަނޑު ގޮތެއްގައި އަންހެނުންނެވެ. ރޭޕްކުރުމާއި ޖިންސީ ޖަރީމާތައް ހިންގުމުގައި ހައްދުފަހަނަޅާފައިވާ ގައުމުތަކުގެ ތެރޭގައި ގިނައީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކެވެ. މީގެ ތެރޭގައި ސޫދާނުގެ ދާރުފޫރު ސަރަހައްދާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ސޫރިޔާއާއި ކޮންގޯ އާއި ދެކުނު ސޫދާން އާއި މާލީ އާއި އައިވަރީ ކޯސްޓް ހިމެނެނީ މިލިސްޓުގެ އެންމެ ކުރީގަ އެވެ.
މީގެއިތުރުން އެންގޯލާ، ޔަމަން، އިންޑިޔާ، ސްރީލަންކާ، ލީބިޔާ، ސޮމާލިޔާ، ނޭޕާލް ބޮސްނިޔާ އަދި ސިރަލިޔޯންގެ ދާޚިލީ ހަނގުރާމަ ތަކުގައިވެސް ހަތިޔާރެއްގެ ގޮތުން އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުމުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގާފައިވާއިރު އެތަށް މިލިޔަން އަންހެނުންނާއި ކުޑަކުދިން މިޖަރީމާތަކުގެ ޝިކާރައަކަށް ވެފައިވާކަން މިރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ. ހަނގުރާމައިގެ ހާލަތްތަކުގައި މިޖަރީމާތައް ހިންގާ މީހުންނަށް އެއްވެސް އަދަބެއްނުލިބި ވާކަން ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ނެރުއްވި އަހަރު ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)