26 Apr 2014, 10:09
ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެ އެވެ. ނަމަވެސް ކުށްވެރިއެއްގެ ގޮތުގައި އުމުރު ހޭދަކޮށްލަން އެންމެނެއް ނޭދޭނެ އެވެ. ކުށް ކުރާ ނުވަތަ ކުރެވޭ މީހުން އިސްލާހު ކުރަން ޖެހެނީ އެހެންވެ އެވެ. ކުށްވެރިއެއްގެ ދިރިއުޅުމާ އެމީހުން ދުރުކުރުމަށެވެ. މުޖުތަމައަށް ބޭނުންތެރި މީހަކަށް އެމީހާ ހެދުމަށެވެ. ނަމަވެސް ދިވެހި މުޖުތަމައަށް ދަސްވެފައި ވަނީ ، ނުވަތަ ޒަމާނުއްސުރެ ބަޔަކު ވިސްނައިދީފައި ވަނީ ކުށެއް ކޮށްފި ނަމަ ދެން އެކަހެރިކޮށްލާފައި ބޭތިއްބުމަށެވެ.
ކުށެއް ކުރެވޭ މީހާ އިސްލާހުވެ، މުޖުތަމައަށް ފައިދާ ހުރި މީހަކަށް ވުމަށް ރާއްޖޭގައި ބޮޑެތި ހުރަސްތައް އެބަހުއްޓެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބަދުނާމުކޮށް ލަދު ގަންނަވައިލުމެވެ. ގިނަ ފަހަރު އެކަން ހިނގަނީ ޝަރީއަތުން އެމީހާގެ މައްޗަށް ކުށް ސާބިތު ނުވެސް ވަނީހެވެ. ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ވެސް ބައެއް ފަހަރު ކެމެރާތަކުގެ ކުރިމައްޗަށް ނެރެ ހާމަކޮށްލަ އެވެ. ދެން އެކަމުގައި މީޑިއާ އިން ވެސް އެކަށީގެންވާ މިންގަނޑެއްގައި އޮންނަނީ ނުހިފި އެވެ.
މީގެ އެއް މިސާލަކީ 2012 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ތެރޭގައި މާލޭގައި މަސާޖު ޕާލާތައް ރޭޑްކުރި ހާދިސާތަކެވެ. އެތަންތަނަށް ފުލުހުން ވަނުމުގެ ކުރިން އޭރުގައި މީޑިއާ އަށް އަންގަ އެވެ. ދެން އެތަންތަނުން މީހުން ނެރޭ އިރު ކެމެރާތައް ތައްޔާރުގައި ހުރެ އެވެ. ވަގުތުން ފޮޓޯތަކާއި ވީޑިއޯތައް އާއްމުވެ އެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އެތަންތަނުން ނެރުނު ގިނަ މީހުންގެ މައްޗަށް މިހާތަނަށް ކުށް ސާބިތުވެސް ވެފައި ނުވާ ކަމެވެ.
"... އަޅުގަނޑު ދިޔައިން މަސާޖުޕާލައެއް ރޭޑް ކޮށްގެން ނެރުނު ދެޒުވާނެއްގެ ވަކީލެއްގެ ގޮތުގައި ކޯޓަށް، އެދެމީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތެއް ނުވޭ، އެކަމަކު އެމީހުން މިހާރު އެތިބީ ވަރަށް ބޮޑަށް ބަދުނާމުވެފައި، މުޅި ރަށަށް ބޭޒާރުވެފައި، ދިރިއުޅުން ބަރުބާދުވެފައި،" "މަސާޖުޕާލާތައް ރޭޑް ކުރި ދުވަސްވަރު ވަކީލަކު ބުންޏެވެ.
މީހުން، ހާއްސަކޮށް ޒުވާނުން ބަދުނާމުކޮށް، އިސްލާހުވުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ހިނގި އަނެއް ހާދިސާއަކީ މިމަހުގެ 18 ވަނަ ދުވަހު ވ. އަންބަރާގައި ފުލުހުން ހިންގި އޮޕަރޭޝަނެވެ. ގާތްގަނޑަކަށް 200 ވަރަކަށް ޒުވާނުން އަންބަރާއަށް ގޮސް މަސްތުވާތަކެތި ބޭނުންކޮށްގެން ނާޗަރަންގީ ކުޅެން އުޅޭކަން ފުލުހުންނަށް ކުރިން އެނގިފައިވާކަން މިހާރު ވަނީ ހާމަވެފަ އެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އަންބަރާ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުން މާކުރިން ތިބީ ވ. އަތޮޅަށް ގޮހެވެ. ނަމަވެސް އެކަން ހިނގުމުގެ ކުރިން ހުއްޓުވުމުގެ ބަދަލުގައި ފުލުހުން ކޮށްފައި އެވާ ކަމަކީ އެކަން ހިނގުމުން މީހުން ހައްޔަރު ކުރުމެވެ. ނަމަވެސް މިވާހަކަ ފުލުހުން ދޮގުކުރެ އެވެ. ފުލުހުން ބުނެފައި ވަނީ ހުއްޓުވާނެ ފުރުސަތު ނުލިބުނީ ކަމަށެވެ.
".... އެކަން ހިނގުމުގެ ކުރިން ހުއްޓުވާކަށް އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުލިބޭ. ލިބުނު ނަމަ ހުއްޓުވީމުސް،" އަންބަރާގެ އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްކޮންފަރެސްގައި ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް އަބުދުﷲ ޝަތީހު ވިދާޅުވި އެވެ.
ކޮންމެ ގޮތެއް ވިޔަސް އެހާދިސާގައި 79 ޒުވާނުން އެވަނީ ވަރަށް ބޮޑަށް ބަދުނާމު ވެފައެވެ. ނަމަވެސް އެމީހުން ކުށެއް ކުރިކަން ނުވަތަ ނޫން ކަން އަދި ޝަރުއީ ކޯޓެއްގައި ސާބިތެއް ނުވެ އެވެ. ކަންތައްތައް މިހެން ހިނގާފައި ވާއިރު މިއީ އިސްލާމީ އުސޫލު ނޫންކަން ވެސް މިހާރު ވަނީ ފާހަގަވެފަ އެވެ. އިއްޔެގެ ހުކުރު ހުތުބާގައި ވަނީ އެކަމާ ބެހޭ ގޮތުން ވަރަށް ތަފުސީލީ ގޮތެއްގައި ވާހަކަ ދައްކާފަ އެވެ.
"... ކުށެއް ކޮށްފި ނަމަ އެމީހާ އަށް އެކަމުގެ އަދަބު ލިބެންވާނެ އެވެ. ނަމަވެސް އެމީހާ ބަދުނާމުކޮށް، އެމީހާގެ އާއިލާއަށް މަލާމާތް ރައްދުކޮށް، ފަލީޙަތްކޮށް ހެދުމަކީ ރަސޫލާ ޟައްލަﷲ ޢަލައިހި ވަސައްލަމް މަނާކުރައްވާފައިވާ ކަމެކެވެ،" އިއްޔެގެ ހުތުބާގައި ވެއެވެ.
އެފަދަ ކަންތަކުގައި މާތް ރަސޫލާ އަމަލުކުރައްވާފައިވާ ގޮތުގެ މިސާލެއް ވެސް ހުތުބާގައި ހިމަނާފައިވެ އެވެ. އެގޮތުން ރާބުއިމަށް އާދަވެފައިވާ މީހަކަށް އަދަބު ދޭން ފެށުމުން އެމީހާއަށް ބަޔަކު މަލާމާތް ކުރަން ފެށުމުން ރަސޫލާ އެކަން މަނާކުރެއްވިކަން ވަނީ ފާހަގަކޮށްފަ އެވެ.
ކުށްކުރާ މީހުންނާ މެދު އަމަލުކުރަން އިސްލާމްދީން އަންގަވާފައިވާ ގޮތް ވެސް އިއްޔެގެ ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެފަދަ މީހުން އިސްލާހުވެ، އަލުން ދިރިއުޅެން ފުރުސަތު ދޭން ޖެހޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
"...ފަހެ ކުށަށް އަރައިގަތުމަކީ އިންސާނީ ފިތުރީ ކަމަކަށް ވެފައި، އެކުށަށް އަރައިގަންނަމީހާ އަށް އަދަބު ދެވެނީ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ކަމަށް ވީހިނދު، އޭނާ އަށް މަލާމާތް ރައްދުކޮށް ބަދުނާމުކޮށް ފަލީހަތް ކުރުމުން، އެކުށްވެރިއަކު ރަނގަޅުވުމުގެ ބަދަލުގައި އޭނާގެ ހިތުގައި މުޖުތަމައާ މެދު އުފެދޭނީ ރުޅިވެރިކަމާއި ނަފުރަތެވެ،" ހުތުބާގައިވެ އެވެ.
ރާއްޖޭގައި ވެފައި މިވަނީ އިއްޔެގެ ހުތުބާގައި ފާހަގަކޮށްފައި މިވާ ފަދަ ގޮތެކެވެ. ޒުވާނަކަށް ކުށެއް ކުރެވިއްޖެއްޔާ އޮންނީ އޭނާ ބަދުނާމުކޮށް ފަލީހަތް ކުރުމެވެ. މުޅި އުމުރަށް އޭނާއަށް މަލާމާތް ރައްދުކުރުމެވެ. އެހެންވީމާ ދެން އޭނާ އިސްލާހުވެ، މުޖުތަމައަށް އެނބުރި އައުމުގެ މަގު އޮންނަނީ ބަންދުވެފަ އެވެ. ބަދުނާމުކުރުމާއި މަލާމާތާއި ފުރައްސާރަކުރުމަކީ މީހުން އިސްލާހު ވުމަށް އެޅިފައި އޮތް ވަރުގަދަ ހުރަހެކެވެ. އެކި އެކި ކުށްތައް ކުރެވިފައިވާ ޒުވާނުން އިސްލާހުކުރުމަށް މި ހުރަސް ނައްތާލަން ޖެހެ އެވެ.