26 Apr 2014, 09:49
ވޮޝިންޓަން (އެޕްރީލް 26) : ފާއިތުވި 24 ގަޑީއިރު ތެރޭގައި ރަޝިޔާގެ ޢަސްކަރީ މަތިންދާބޯތުތައް ޔުކްރޭންގެ ވައިގެ ސަރަހައްދަށް އެތަށްފަހަރަކު ވަދެފައިވާ ކަމަށާ ޕައިލެޓަކާނުލާ ދަތުރުކުރާ ރަޝިޔާގެ ޑްރޯން މަތިންދާބޯޓުތައްވެސް ޔުކްރޭނުގެ ވައިގެ ސަރަހަދުގެ މަތިން ތަކުރާރުކޮށް އުދުހިފައިވާ ކަމަށް އެމެރިކާ ބުނެފިއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާނަކު ވިދާޅުވީ ރަޝިޔާގެ އެތަށް ހާސް ސިފައިން ބަރުހަތިޔާރާއެކު ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ޢަސްކަރީ ފަރިތަކުރުންތައް ކުރިޔަށްގެންދާއިރު ރަޝިޔާގެ ޢަސްކަރީ އަދި ޖާސޫސީ މަތިންދާބޯތުތައް ޔުކްރޭންގެ ވައިގެ ސަރަހައްދަށް އެތަށްފަހަރަކުވަދެފައިވާ ކަމުގައެވެ. ނަމަވެސް މިކަމާބެހޭ ތަފްސީލް ދެއްވުމަށް ޕެންޓަގަންގެ ތަރްޖަމާން ދެކޮޅު ހެއްދެވިއެވެ.
ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ރަޝިޔާ އަށް ތާއީދުކުރާ ޢަސްކަރީ ޖަމާއަތްތަކާ ދެކޮޅަށް ނޭޓޯގެ އެހީއާއެކު ޔުކްރޭނުން ހިންގަމުން ގެންދާ ޢަސްކަރީ އޮޕަރޭޝަންތަކަށް ރައްދު ދިނުމުގެ ގޮތުން އެޖަމާއަތްތަކުންވަނީ ޔުކްރޭންގައި ތިބޭ ޔޫރަޕްގެ ޢަސްކަރީ އޮބްޒާވަރުންގެ އެތަށްބަޔަކާއި ޔުކްރޭން ސިފައިންގެ 5 މީހުން ވަގަށްނަގައި ރަހީނުންގެ ގޮތުގައި ހިފަހައްޓާފައެވެ. ޔުކްރޭންގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ޔުކްރޭންގައި ތިބޭ ޔޫރަޕްގެ އޮބްޒާވަރުންނަކީ ޔޫރަޕްގެ ސަލާމަތާއި އެއްބާރުލުމާބެހޭ ޖަމްއިޢްޔާ (އޯއެސްސީ) އަށް ނިސްބަތްވާ މީހުން ކަމަށާ އެމީހުން މިނިވަންކުރުމާބެހޭގޮތުން ހަނގުރާމަވެރިންނާ ވާހަކަ ދައްކަމުން ގެންދާކަމުގައެވެ.
ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ރަޝިޔާގެ ބަހުގެ ޙަމަލާތައް ވަރުގަދަވެ އެމެރިކާގެ ހަރުކަށި އިންޒާރުތައް ރަޝިޔާއަށް އަމާޒުވަމުންދާ އެތަށް ދުވަހެއް ވެފައިވީނަމަވެސް ރަޝިޔާއާ ދެކޮޅަށް ބުރަދަންހުރި އެއްވެސް ފިޔަވަޅެއް އެޅުމުގައި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައެވެ. ޔުކްރޭންގެ މައްސަލާގައި އެމެރިކާގެ ބަހުގެ ޙަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިންޒާރުތަށް ރަޝިޔާއަށް ކިތަންމެ ބޮޑަކަށް އަމާޒުވެފައިވީނަމަވެސް އީރާނުގެ ނިއުކްލިޔަރ މައްސަލައާއި އުތުރުކޮރެޔާގެ މައްސަލަތައްފަދަ އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ޙާއްސާސް މައްސަލަތަކުގައި ރަޝިޔާގެ އެހީތެރިކަމާއި އެއްބާރުލުން އެމެރިކާއަށް އިންތިހާއަށް ބޭނުންވެފައިވާތީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިންޒާރުދީ އަޑުއުފުލުން ފިޔަވައި އެހެން ކަމެއްކުރަން އެމެރިކާ ފަސްޖެހެމުންދާ މަންޒަރު ވަރަށް ރީތިކޮށް ފެންނަމުންދާ ކަމަށް މުޙައްލިލުން ވިދާޅުވެއެވެ.
ޔުކްރޭންގައި މިހާރު އޮތް ހުޅަނގަށް ތާއީދުކުރާ ސަރުކާރަކީ އެމެރިކާއާއި ނޭޓޯ ކޮންޓްރޯލްކުރާ ސަރުކާރެއް ކަމަށާ އެސަރުކާރުން މަސައްކަތްކުރަނީ ރަޝިޔާގެ ސަރަހައްދުގެ ކައިރިއަށް ނޭޓޯ ފުޅާކޮށް ނޭޓޯގެ ބާރުތަކުން ރަޝިޔާ ވަށާލުމަށް ކަމަށާ އެފުރްސަތު ނުދޭނެ ކަމަށް ރަޝިޔާއިންވަނީ އެމެރިކާއަށާއި ޔޫރަޕަށް އަންގާފައެވެ. ޔުކްރޭންގެ މައްސަލަ ދާޚިލީ ހަނގުރާމައަކަށް ބަދަލުވުމުގެ ކުލަވަރު ފެންނަން ފަށާފައިވާއިރު ބަދަލުވަމުންދާ އަދުގެ ދުނިޔޭގައި ޗައިނާއާއި ޖަޕާނާއި ބްރަޒީލްފަދަ އިގްތިސާދީ ގޮތުން ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމާނުލައި ރަޝިޔާގެ އިގްތިސާދު އިނދަޖައްސަލެވޭވަރުގެ ހަރުކަށި ފިޔަވަޅުތަކެއް ހުޅަނގަށް ނޭޅޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)