އަންނަ ޖޫން މަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ބަލައިލުމަށް ރާއްޖޭގެ ފަރާތުން ބައިވެރިވާ ފުރަތަމަ ފަރާތް ހޮވުމަށް ބޭއްވި ފުރަތަމަ ލަކީ ޑްރޯ ނަގައިފި އެވެ.

ކޮކާ ކޯލާ ކުންފުނީގެ ކޯކު ފުޅީގެ ރަން މަތިގަނޑުގައިވާ ކޯޑު އެސްއެމްއެސް ކޮށްގެން ލިބޭ މި ފުރުސަތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، ބްރެޒިލް އަށް ރާއްޖެއިން ދަތުރު ކުރާނީ ހަ ފަރާތެކެވެ. އެގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ދިޔައީ ފުރަތަމަ ލަކީ ޑްރޯ އެވެ. ކޮންމެ ލަކީ ޑްރޯ އެއްގައި އެއް ފަރާތް ހޮވާނެ އެވެ.

ލަކީ ޑްރޯގައި ރާއްޖޭގެ ފަރާތުން ބްރެޒިލްގައި ކުރިއަށް ދާ މެޗުތައް ބަލައިލުމަށް އެ ގައުމަށް ރާއްޖެ އިން ދަތުރުކުރާ ފަރާތަކަށް ހޮވުނީ ށ. ފުނަދޫ، ޓެޓޯނާ، ޝިފްނާ އަހުމަދެވެ.

ބްރެޒިލްއަށް ދާ ފުރަތަމަ ނަސީބުވެރިޔާ ހޮވުމަށް ބޭއްވި ލަކީ ޑްރޯގެ ތެރެއިން- ސަން/ ޔޫސުފް ސޮފްވާން

ބްރެޒިލް އަށް ދަތުރުކުރާ ފަރާތްތައް ހޮވުމުގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ތަފާތު އެކި އިނާމުތަކުގެ ލަކީ ޑްރޯ އެއް ކުރިއަށް ދިޔަ އެވެ. އެގޮތުން އެ އިނާމުތަކުގެ ތެރޭގައި ސޮނީ ސައިބާ ޝޮޓް ކެމެރާ ކާމިޔާބުކުރެއްވީ ހ. ހިތިގަސްދޮށުގެ އަލީ މޫސާ އެވެ. އަދި ސޮނީ ބްރާވިއާ ޓީވީ ހޯއްދެވީ މއ. ބޮޑުގަލުމާފަތްގޭ މަރިޔަމް ޝިފާ އެވެ.

ލަކީ ޑްރޯ އިން ކާމިޔާބު ހޯއްދެވި ފަރާތްތަކުން ކޮކާ ކޯލާގެ އެ މަތިގަނޑު މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަށް ހުށަހަޅަން ޖެހޭނެ އެވެ.

މަތިގަނޑުގައިވާ ކޯޑު އެސްއެމްއެސް ކުރައްވަންޖެހޭނީ ކޯކު ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވައި މަތިގަނޑުގައިވާ ކޯޑު 2626 އަށް އެސްއެމްއެސް ކުރެއްވައިގެންނެވެ.

COKE (space)to 2626