ލޫނާގެ ބޮލުގައި ރިއްސަން ވެސް ފަށައިފި އެވެ. މޫނު މައްޗަށް އަނދިރިވެސް ވާން ފަށައިފި އެވެ. ދުރު ބަލަހައްޓައިގެން އިން މާހިންއަށް މިއިން އެއްވެސް ކަމެއް އެބަ އިޙުސާސް ވޭ ހެއްޔެވެ!

ނާމީ އައިސް ކައިރިއަށް ހުއްޓުނުތަން ފެނުމުން މާހިން ތެދުވި އެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން ދާން ހިނގައިގަތީ ލޫނާ އާއި ދިމާއަށް ބަލައިވެސް ނުލަ އެވެ. ބާރަށް ހިނގާފައި ގޮސް ހޮސްޕިޓަލުން ނުކުތުމަށް ފަހު އޭނާ ހުއްޓުނެވެ. ދެންމެގައި ދެއްކުނު ވާހަކަ އާއި ދޭތެރޭގައި ވިސްނާލެވުނެވެ. އެ ވާހަކަ ދައްކަން އޭނާއަށް އެހާ ދަތިވި އިރު ލޫނާއަށް ވާނީ ކިހިނެއްބާ އެވެ! އެ ދަނޑި ވަޅުގައި ކުއްލިއަކަށް ނާމީއަށް އާދެވުން އެއީ އިއްތިފާޤެއް ބާއެވެ! ނާމީއަށް އެނގުނީ ކޮންއެއްޗެއް ބާއެވެ!

ނާމީ ލޫނާ ގާތުގައި އެތައް އިރެއް ވީއިރުވެސް ލޫނާ ލޯ ހުޅުވާވެސް ނުލަ އެވެ. ލޫނާ އޮތީ ނިދާފައި ނޫން ކަން ނާމީއަށް އިނގެ އެވެ. އެހެން ނަމަވެސް އުނދަގޫ ނުކޮށް ކެތް ކޮށްގެން އޭނާ ހުރީ އެވެ. ކޮންމެ ގޮތެއް ވިއަސް އޭނާގެ މަޤްސަދު ޙާޞިލް ވެއްޖެ އެވެ. މާހިން އެދިޔައީ ލޫނާ ދޫކޮށްލާފަ އެވެ. މާހިން އެ ދެއްކީ ބަހަނާއެއް ކަމެއް ނޫން ކަމެއްވެސް ނޭގެ އެވެ. ކޮންމެ އެއްޗަކަސް ވަރިހަމަ އެވެ. ދެން ލޫނާއަށް ނާމީ ނޫން މީހަކު ނުހުންނާނެ އެވެ.

ހޮޓެލްގެ ތިރީގައި ހުރި ގާރޑުންގެ ރެސްޓޯރެންޓްގައި ދާއިން އާއި ޔޫހާ ތިއްބެވެ. މަޑުމަޑުން ހުރިހާ ކަމެއް ހަމަ ޖެހެމުން އަންނާތީ ޔޫހާ ހުރީ ހިތްހަމަ ޖެހިފަ އެވެ. އެހެން ނަމަވެސް ދާއިންގެ ހިތެއް ހަމައެއް ނުޖެހެއެވެ. ޔޫހާއާއި އޭނާގެ ލޯތްބަކީ ހީކުރާހާ އަމާން ކަންމަތީގައި ކުރިއަށް ގެންދެވޭނެ އެއްޗެއް ނޫން ކަން އޭނާއަށް އިނގެ އެވެ. މާލެ ދާން ޖެހޭ ދުވަސް ގާތްވި ވަރަކަށް ދާއިންގެ ހިތް ނުތަނަވަސް ވަމުން ދިއައެވެ.

" އަހަންނަށް މިހާރު ވިސްނިއްޖެ ކޮއްކީ ކަންތައް ކުރި ގޮތް! ކޮއްކީ އަސްލު ނާމީ ދެކެ ލޯތްބެއް ނުވޭ.... އެއީ އަހަރެން ނާމީ ކައިރިން ސަލާމަތް ކުރަން ހެދި ގޮތެއް!"
ޔޫހާ ވިސްނުންތެރި ކަމާއި އެކު ބުނެލި އެވެ. އޭނާ އެކަމާ ވިސްނާތާ ކިތަންމެ ދުވަހެކެވެ. މާހިންއާއި ކޮއްކީ ހޮސްޕިޓަލުން ފެނުނު ދުވަހުއްސުރެ އޭނާއަށް އެކަން ވަނީ ޔަޤީން ވެފަ އެވެ.

" ދާއިން އަށް ހީވޭތަ މާހީއާ ކޮއްކޮއާ ގުޅިދާނެހެން!"
ޔޫހާ އެންމެ ބޭނުން ކަންތަކުގެ ވާހަކަ އަހާލި އެވެ. ދާއިން ބޯ ހޫރާލި އެވެ.
" ކޮއްކޮ އުޅެނީ، މިމީއާ އިންނަން ބޭނުން ވެގެން!"
އެއަޑު އިވިފައި ޔޫހާގެ ހިތަށް ތަދުވި އެވެ. ކޮއްކީ ނުބުންޏަސް ކޮއްކީ މާހިންއަށް ބޭނުން ވާވަރު އޭނާއަށް ވަނީ ފެނިފަ އެވެ.

މޭޒުމަތީގައި އޮތް ބަރު، ބުރު ނޭގޭ ވަރަށް އެނބުރެމުން ދިއައެވެ. އިރު އިރު ކޮޅާ އެބަރު އަނބުރަމުން ދިއަ އިރު ޖައުފަރުގެ ސިކުނޑި ވެސް އެހާ ބާރު ސްޕީޑެއްގައި އެނބުރެމުން ދާހެން ހީވެ އެވެ. އޭނާގެ މޫނު މައްޗަށް އަރާފައިބަމުން ދިއަ ކުލަވަރު އެކަން ހާމަ ކޮށްދެ އެވެ. ކުރިމަތީގައި އޮތް ނޫހުގެ ފަލަ ސުރުހީއަށް އިރު އިރު ކޮޅާ ނަޒަރު ދޫކޮށްލި ނަމަވެސް އޭނާގެ ސިކުނޑި ވަނީ އެހެން ދިމާއެއްގަ އެވެ. ސިކުނޑީގައި ރޭވެމުން ދަނީ ވަރުގަދަ ރޭވުމެކެވެ. އޭނާ މިވަގުތު އެ އިންތިޒާރު ކުރަނީ އޭނާ ދުވަހަކުވެސް އިންތިޒާރު ކުރަން ބޭނުން ނުވާ މެހުމާނަކަށެވެ.

އިޒުނަ އަކާއި ނުލާ އޮފީސް ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް އެވަނީ ދެވަނަ ދެމީހެއް ނޫނެވެ. މިދުނިޔޭގައި ހުރި އޭނާ އެންމެ ރުޅިއަންނަ ސޫރަ އެވެ. ތައުފީޤެވެ.
" މީހުންގެ ތަންތަނަށް ވަންނަ އިރު ހުއްދަ ހޯދުމަކީ ރީތި ސިފައެއް!"
ޖައުފަރު ގޮޑިން ތެދުވެ ތައުފީޤަށް ފުރަގަސް ދީ ދުރަށް ހިނގައި ގަންނަމުން ބުންޏެވެ. ޖައުފަރަށް އިވިގެން ދިއައީ ތައުފީޤްގެ ހިނިގަޑެކެވެ.

" ރީތި ސިފަ ކަލޭ މަށަށް ކިޔާދެން ނޫޅޭ! އަހަރެން އަނެއްކާވެސް މިތަނަށް މިއައީ ކަލޭ އެދިގެން! އަހަރެން ބޭނުން ވެގެނެއް ނޫން. ދަނީ!"
އެހެން ބުނުމާއި އެކު ތައުފީޤް ދާން ހިނގައި ގަތެވެ.
" ވަކި ގޮތަކަށް ނުނިންމާ ހިނގައްޖެއްޔާ ކަލެއަށް ވެސް ގެއްލުން ވާނެ!"
ޖައުފަރު އަވަސް އަވަހަށް ތައުފީގާ ދިމާއަށް އެނބުރެމުން ބުންޏެވެ.
" ނުވާނެ...! ތީ ހީވާ އެއްޗެއް!"
ތައުފީޤް ހުއްޓި ޖައުފަރާއި ހަތަރު ކަޅި ހަމަކޮށްލަމުން ޔަޤީން ކަމާއި އެކު ބުންޏެވެ.
" އެހެންތަ؟ އެންމެ ފަހުން މަގޭ ދަރިފުޅު ކަލޭ ދަރިއާ އަނގައިން ބުނީ ކޮން ދުވަހަކު؟"
މަލާމާތުގެ ރާގެއްގައި ޖައުފަރު އަހާލި އެވެ. ތައުފީޤަށް ނިކަމެތިކަން އިޙުސާސް ކުރެވުނެވެ. އެހެން ނަމަވެސް ލޯތްބަކީ އޭނާ އެއަށް ވުރެ ބޮޑަށް އިތުބާރު ކުރާ އެއްޗެކެވެ. ތައުފީޤް ކުރިއަށް ހިނގާފައި ގޮސް ޖައުފަރުގެ ކުރިމައްޗަށް ހުއްޓުނެވެ.

" އެއީ މިވަގުތު! އަދި އޭނަ އަންނާނެ.... ގުޅާނެ.... ވާހަކަ ވެސް ދައްކާނެ، ބައްދަލުވެސް ކުރާނެ، ކައިވެނިވެސް ކުރާނެ."
އެހެން ބުނަމުން ތައުފީޤް ޖައުފަރުގެ މޭގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލީ ޖެހިލުމެއް ނެތި އެވެ.
"ކަލޭގެ ނުގަބޫލުގަ!"
ޖައުފަރުގެ ދެލޯ ބޮޑުވެގެން ދިއައެވެ. ތައުފީޤަކީ އޭނާ ހީކުރި ވަރަށް ވުރެ ނުލަފާ މީހެކެވެ. އަނގައިން ބުނަން ނޭގިފައި ޖައުފަރަށް ހުރެވުނީ ޙައިރާން ވެފަ އެވެ.
ތައުފީޤު ކުރިއަށް ޖެހިލާ މޭޒުމަތީގައި އޮތް ނޫސް އުފުލާލާ އޭގެ މައި ސުރުހީގައި އިނގިލި ޖައްސާލަމުން ޖައުފަރަށް ދައްކާލީ ވިހަ ހިނިތުން ވުމަކާއި އެކުގަ އެވެ.

" މަހުޖަނު ޖައުފަރު މުއްސަދި ވެފައިވަނީ ގާނޫނާއި ޚިލާފް ވަގު ވިޔަފާރި ކޮށްގެން!"
ތައުފީޤް އެ ސުރުހީ ބާރަށް ކިޔާލި އެވެ.
" އަހަރެން މި މައުލޫމާތު ނޫހަށް ދިނީ ހަޤީޤަތް އިނގޭތީ! ބޮޑުކަން ދައްކަންޏާ އަދި މިއަށް ވުރެ ބޮޑަށް ބޭޒާރު ކޮށްލާނަން! ސަރުކާރުގެ އިސްވެރީން ބޭނުން ކޮށްގެން ތި ގަންނަ ގަނޑު މަށަށް އިނގޭކަން އަންގާލާނަން!"
އެހެން ބުނެފައި ނޫސް މޭޒުމައްޗަށް އެއްލާފައި ތައުފީޤް ދާން ހިނގައި ގެން އިރުވެސް ޖައުފަރު ހުރީ އަނގައިން ބުނަން ނޭގިފަ އެވެ.
" ތައުފީޤް!"
ތައުފީޤް ދޮރުން ނުކުތުމުގެ ކުރީން ޖައުފަރު ބާރަށް ހަޅޭއްލަވައި ގަތެވެ.
" ކަލެއަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ! އަމުދުން މަގޭ ދަރިފުޅު ކަލޭގެ ދަރިއަކާ ނީންނާނެ! އިންނަ ޚިޔާލު ކުރިއަސް އޭނަގެ ސިކުނޑި ދަމައިގަންނާނަން!"
ޖައުފަރުގެ ނުލަފާ ބަސްތަކުގެ ސަބަބުން ތައުފީޤަށް ވެސް ހުއްޓުން އެރި އެވެ. އެއްވެސް ބަފައަކު ދަރިއަކާއި ދިމާއަށް އެފަދަ ބަހެއް ބުނެފާނެ ހެއްޔެވެ!
ޖައުފަރުގެ ފުފިފައިވާ މޫނު ފެނުމުން ތައުފީޤްގެ ހިތްހަމަ ޖެހުނެވެ.
" އެހެންތަ!.... ދެން ބަލަމާ!"
ތައުފީޤް ހިނިގަނޑެއް ޖަހާލީ ޖައުފަރު އިތުރަށް ރުޅި އަރުވާލަން ވެގެން ނެވެ.

" ކަލެއަށް އިނގޭތަ މާހިން ވީ ހިސާބެއް؟ ހައް! އޭނައަށް ކަލޭގެ ދަރިއާ އިދެވޭނީ މާލެ އާދެވިގެންތާ!"
ޖައުފަރުވެސް ޖަހާލީ ހިނިގަނޑެކެވެ. ތައުފީޤްގެ ހަށިގަނޑުގައި ހޫނު ރާޅެއް ދަތުރު ކޮށްލި އެވެ. ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން އިތުރު އެއްޗެއް ނުބުނެ އޭނާ ހިނގައިގަތީ އެވެ. ޖައުފަރަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އަމިއްލަ އެދުން ޙާޞިލް ކުރުމަށްޓަކައި އޭނާ ދަރިއަކަށް ވެސް ދެރައެއް ދޭން ފަސް ނުޖެހޭނެ ކަން ޔަޤީނެވެ.

ލޫނާ ގެއަށް އަންނަ ޚަބަރު ލިބުމުން އެންމެ އުފާވީ ހައިފާ އެވެ. ދަރިފުޅު ކައިރީގައި ބާއްވައިގެން ނިދާލާނެ ފުރުސަތެއް އޭނާއަށް ނުލިބޭތާ ކިހާ ދުވަހެއް ހެއްޔެވެ! ޖުނެއިހު ހުރިއިރު ލޫނާ އަށް ނިދެންދެން ކޮންމެ ރެއަކު ލޫނާ އޮންނަނީ ޖުނެއިހުގެ ބުރަކަށި ދޮށަށް ވެދެ އެވެ. މަންމަ ކައިރީގައި އޮވެގެން ކޮންމެވެސް ވާހަކައެއް ކިޔައިދެން ޖެހެ އެވެ. އެއީ ކިހާ އުފާވެރި ހަނދާނެއް ހެއްޔެވެ! އެދުވަސް އަނބުރާ އަންނާނެ ނަމަ އެވެ! ލޫނާ ވެސް ގެއަށް އަންނަނީ އެވެ! ޖުނެއިހު އަންނާނީ ކޮން ދުވަހަކުން ބާ އެވެ! ހައިފާގެ ދިގު އިންތިޒާރަށް ނިމުމެއް އަންނާނެ ކަމުގެ ޔަޤީންކަން އަދިވެސް ހައިފާއަށް އެބަ އޮތެވެ.

ކޮޗިންގް ގެ އެއަރޕޯޓަށް ފޭބުމާއި އެކު މާހިން ފުން ނޭވާއެއް ދޫކޮށްލި އެވެ. އަދިވެސް އޭނާގެ ސިކުނޑި ވަނީ ހާސްވެފަ އެވެ. މިހާރު ވިސްނެނީ މިމީއާއި ދޭތެރޭގައި އެކަންޏެއް ނޫނެވެ. ލޫނާގެ ހަނދާންތައްވެސް އެވަރަށް އެބަ އުނދަގޫ ކުރެ އެވެ. ބާރަށް ހިނގައިގެންތަނާ ހިނގާ މަގުގެ މެދުގައި ހުއްޓި ހުރި މީހެއްގެ ގައިގައި އަޅައިގަނެފައި ނުވެއްޓުނީ ކިރިޔާ އެވެ. އައި ރުޅީގައި އަތް ހޫރާލެވުނީ ބާރަށެވެ. މާހިންއަށް ބެލެންސް ކޮށްލެވުނު އިރު އެމީހާ އޮތީ ބިންމަތީގަ އެވެ. އަޅާނުލާ ދާން ވެސް ހިތަށް އެރި އެވެ. މަގު މެދުގައި ހުންނާކަށް ނުޖެހޭ ނޫން ހެއްޔެވެ! ކުރިއަށް ހިނގައިގެންފައިވެސް އެމީހާއަށް ބަލައިލެވުނެވެ. އެވަގުތު މާހިންއަށް ހުއްޓެވިއްޖެ އެވެ. ފަރުވާތެރި ކަމާއިއެކު އެމީހާއަށް ބަލައިލެވުނެވެ.

ބިންމައްޗަށް ވެއްޓިފައިވާ މެދު އުމުރުގެ ފިރިހެން މީހާ ދެ ލޯ ބޮޑުކޮށްގެން މާހިން އަށް ބަލަން އިނީ އެވެ. އެ މޫނު މަތީން ފާޅުވަމުން ދިއައީ ހައިރާން ކަމެވެ. އޭނާ ތެދުވާކަށް ވެސް ނޫޅެއެވެ. ނިއްކުރި މައްޗަށް ރޫގިނަ ކޮށްގެން އިންއިރު ދަންނަ މީހަކާ ވައްތަރު ގޮތެއް ހުއްޓެވެ. އޭނާ އެތަނުގައި އިން ގޮތުން ނުތެދުވެވިފައި އިންހެން ހީވި އެވެ. މާހިން ކުރިއަށް ޖެހިލީ އޭނާއަށް އެހީތެރި ކަމެއް ފޯރު ކޮށްދިނުމުގެ ނިޔަތުގަ އެވެ. އެހެނަސް އޭގެ ކުރީން ކޮންމެވެސް މީހަކު އެތަނަށް އަތުވެއްޖެ އެވެ. ވެއްޓިފައިވާ މީހާގެ ދެ އަތް ދަށަށް އަތް މަހާލާ، އުފުލާލަމުން އެމީހާ ބާރަށް ދެތިން ބަހެއް ބުނެލި އެވެ. އިންޑިއާގެ ކޮންމެސް ބަހަކުން ނެވެ. ނުރުހިފައި ހުރެ އެވެ. މާހިން ދާން ހިނގައިގެން އިރުވެސް އެމީހާ ހުރީ މާހިންއާއި ދިމާއަށް ބަލަހައްޓައިގެން ނެވެ. ކޮންމެވެސް އެއްޗެއް ބުނަން ބޭނުން ވެފައި ހުރިހެން ވެސް ހީވެ އެވެ.

މާހިން ތަންކޮޅެއް ދުރަށް ހިނގުމަށް ފަހު އަނެއްކާވެސް އެނބުރި ބަލާލި އެވެ. އަދިވެސް އެމީހާ ހަމަ މާހިން އާއި ދިމާއަށް ބަލަނީ އެވެ. މާހިން އަށް ހިސާބަކަށް އުނދަގޫވި އެވެ. ހަމަ އެކަނި އެމީހާ ބަލާ ވަރަކުން ނޫނެވެ. އޭނާ ކައިރީގައި ހުރި އިންޑިއާގެ ބޮޑު، ވަރުގަދަ މީހާ ހުރެގެން އޭނާއާއި ދިމާއަށް ހަޅޭއްލެވި ވަރުންނެވެ. އަދި އެމީހާގެ އަތުގައި ހިފާ ދަމާފައި ގެންދިއަތަން ފެނުމުން ވެއްޓުނު މީހާ އަކީ ނުކުޅެދޭ މީހެއްކަން ޔަޤީން ވެއްޖެ އެވެ. މާހިންއަށް އެމީހާ އާއި ދޭތެރޭގައި ކަންތައް އެކުރެވުނީ ތަންކޮޅެއް ރަޙުމްކުޑަ ކޮށްނެވެ. އެކަމާ މާހިން ދެރަވެއްޖެ އެވެ. މާ ބޮޑަށް "ޕްރެޝަރ" ގައި ހުރީމައި ވީ ގޮތެކެވެ. ދެން އެމީހާ ފެނިއްޖެއްޔާ މާހިން މަޢާފަށް އެދޭނެ އެވެ.

"ކެބަށް" އަރާ ހަމަޖެހިލުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލަމުން މާހިން ގޮނޑީގައި ލެގިލި އެވެ. މިމީގެ ހަނދާން ތަކާއިއެކު ލޫނާގެ ޚިޔާލު ތައް ސިކުނޑިއަށް ވެރިވެގެން ދިއަ އެވެ. މާހިން ލޯބިވަނީ މިމީ ދެކެ އެވެ. އެހެން ނަމަވެސް ލޫނާ އަކީ އޭނާގެ ލޯބީގެ ފުރަތަމަ އިޙުސާސެވެ. އަދި އަމުދުން ލޫނާ އޭނާ ދެކެ ލޯބިވާކަން ޔަޤީންވުން އެއީ އޭނާއަށް ވީ ގެއްލުމެކެވެ. މިހާރު ލޫނާ މަތީން ހަނދާން ވަނީ މާ ބޮޑަށެވެ. ލޫނާއަށް ޖެހުނު ހާލާއި ދޭތެރޭގައި ހަމްދަރްދީ ވެވެނީ މާ ބޮޑަށެވެ. އަބަދުވެސް ބޭނުން ވަނީ ލޫނާ ގާތުގައި އިންނާށެވެ. އެ ހިތާމަވެރި ހާދިސާއިން ލިބުނު ގެއްލުމުގެ ބަދަލުގައި އިންތިހާ އުފާވެރި ކަމުން ލޫނާގެ ދިރިއުޅުން ފުރާލަ ދޭށެވެ. އެހެނަސް މިމީ އަކީ މާހިންގެ ފުރާނަ އެވެ. މިމީއާއި ވަކިން އޭނާ ދިރި އުޅޭކަށް ބޭނުމެއް ނޫނެވެ. ދެ ތަސްވީރަކުން ސިކުނޑި ހާސްވާން ފެށުމުން މާހިން ނިއްކުރީގައި އަތް ބާއްވަމުން ލޯ މަރާލި އެވެ. އެވަގުތު އޭނާގެ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިއައީ މިމީގެ ސޫރައެއް ނޫނެވެ. އަދި ލޫނާގެ ސޫރައެއްވެސް ނޫނެވެ. މުޅީން އެހެން ތަސްވީރެކެވެ. ޙައިރާން ކަމުން ފުރިފައިވާ ދެލޮލެވެ. ނިއްކުރި މައްޗަށް ރޫ ގިނަވެފައި ވާ އެ މޫނެވެ. މެދު އުމުރުގެ އެ ފިރިހެން މީހާގެ ތަސްވީރެވެ. އެމީހާ ކޮންމެވެސް ދަންނަ މީހަކާ މާ ބޮޑަށް ވައްތަރު ވަނީ އެވެ. ވައްތަރީ ކާކާ ކަމެއް ހިތަށް ނުގެނެވިގެން އުނދަގޫވާ ވަރު ވެއްޖެ އެވެ.

ކާރުގައި ޖަހަމުން ދިއަ ރީތި ލޯބީގެ ލަވައިގެ އަސަރުން ސިކުނޑި ފިނިވެގެން ދިއަ އެވެ. މަޑުމަޑުން ޚިޔާލީ ދުނިޔެއަކަށް ގެބެން ފަށައިފި އެވެ. މިމީގެ ތަސްވީރު ސިކުނޑިއަށް ވެރިވެގެން ހިނގައްޖެ އެވެ. އޭނާއާއި މިމީއާއި ދޭތެރޭގައި ވަނީ ކިހާ ސާފް ލޯތްބެއް ހެއްޔެވެ! އެއްވެސް ޝަކުވާއެއް ނެތް ރަނގަޅު ކުއްޖެކެވެ. ރީތި ސާފް މޫނެކެވެ. އަންހެން ވަންތަ ހިތްގައިމު ހަށިގަޑެކެވެ. މަޑުމައިތިރި މިޒާޖެކެވެ. ދީންވެރި އަންހެން ކުއްޖެކެވެ. ކިއަމަންތެރި ދަރިއެކެވެ. އެއަށް ވުރެ ރަނގަޅު އަންބަކު އޭނާއަކަށް ނުލިބޭނެ އެވެ. އެއީ ޔަޤީން ކަމެކެވެ. ވީއިރު ބައްޕަ އެކަމާއި ނުޤަބޫލު ވާން ޖެހޭ ސަބަބެއް ނެތެވެ. މާހިން އިތުރަށް ވިސްނާލަން ޖެހުނެވެ. އެވަރުގެ ޖަވާހިރެއް ލިބުނީމައިވެސް އޭނާއަށް ފަރުވާކުޑަ ކުރެވިއްޖެ އެވެ. މިމީގެ ފޯނުކޯލު ތަކަށާއި މެސެޖު ތަކަށް ޖަވާބު ނުދީ އޭނާ މިމީގެ ހިތް ދަތި ކޮށްލައިފި އެވެ. މިހާރު މިމީގެ ހާލެއްވެސް ނޭގެ އެވެ. މިމީވެސް އޭނާގެ ހާލު ބަލާލަން ނުގުޅާތާ ކިތަންމެ ދުވަހެކެވެ. ޚަބަރެއް ނުވާތާ ހަފްތާއެއް ވަނީ އެވެ. އަނެއްކާ މިމީއަށް ކަމެއް ވީބާއެވެ! ނޫނީ މިމީ އޭނާ އާއި މުޅީން ދުރަށް ދާން ނިންމީ ބާއެވެ! މާހިން ހަށިގަނޑު ސީދާ ކޮށްލާ ތެދުވެ އިށީދެލި އެވެ. އޭނާ ފިކުރު ބޮޑުވެއްޖެ އެވެ.

ލޫނާގެ ހާލާއި ދޭތެރޭގައި ވިސްނުނު ވަރުން މިމީ އާއި ދޭތެރޭގައި ފަރުވާކުޑަ ކުރެވިއްޖެ އެވެ. އޭނާ އަވަސް އަވަހަށް މިމީގެ ނަންބަރަށް ގުޅާލި އެވެ. ހިސާބަކަށް ޖެހިލުން ވެފައި އިނދެ އެވެ. ކަންފަތުގައި ފޯނު ޖަހާލިއިރު ދައްކާނެ ވާހަކަ އަކާއި ދޭތެރޭގައި ވެސް ވިސްނާލެވުނެވެ. މިމީގެ ފޯނު އޮތީ ނިއްވާލާފަ އެވެ. ހާސްކަން އިތުރު ވި އެވެ. އެހެނަސް މިމީ ހޯދަން ގުޅާނެ އެހެން ނަންބަރެއް ވެސް ނޭގުނެވެ.

މާހިން ސީޓްގައި ލެގިލަމުން ލޯމަރާލި އެވެ. ބައްޕަގެ ނުޤަބޫލުގައި މިމީއާއި ކައިވެނި ކުރަން ބޭނުން ނޫނަސް މިމީ ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ކައިވެނި ކުރަން ބޭނުމީ ހަމަ މިމީއާއެވެ. ލޯ މަރާލުމާއި އެކު އަނެއްކާވެސް ސިފަވެގެން ދިއައީ އެއްކަލަ މީހާގެ ސޫރަ އެވެ. ހާސްވެފައިވާ ބޮޑު ދެލޮލެވެ. ބިރުގެންފައިވާ މޫނެވެ. ކުއްލިއަކަށް މާހިންއަށް ލޯ ހުޅުވާލެވުނީ ހިތަށް ވަން އެއްޗަކުންނެވެ.

" ޑްރައިވަރ!"
މާހިން ތެޅިގަތެވެ. އޭނާއަށް އެއްޗެއް ވިސްނުނީއެވެ. އެއީ ޝައްކެއް ނޫނެވެ.
" ގޯ ބެކް! ގޯ ބެކް! "
އެނބުރި ފަހަތަށް ބަލަމުން މާހިން ހަޅޭއްލަވައި ގަތެވެ.
" އައި ވޯންޓު ގޯ ބެކް ޓު ދަ އެއަރޕޯޓް!"
ޑްރައިވަރު އިށީނދެ އިން ސީޓްގައި މާހިން ތަޅައިގަތެވެ.
" އޯކޭ! އޯކޭ!"
ޑްރައިވަރަށް ވެސް ވާނުވާއެއް ނޭގުނެވެ.
މާހިންގެ ހިތުގެ ވިންދު ވަނީ އަވަސް ވެފަ އެވެ. ކާރު ދުވާ ސްޕީޑް ވެސް މާ މަޑީއެވެ. އެމީހާ އެއަރޕޯޓުން ބޭރު ވުމުގެ ކުރީން އަތުޖެހިއްޖެއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

ކާރު މަޑުކޮށްލުމާއި އެކު އެއަރޕޯޓްގެ ތެރެއަށް މާހިން ދުއްވައި ގަތެވެ. އޭނާއަށް އެތެރެއަށް ވަދެވޭ ހިސާބަށް ވަދެ އެތައް އިރަކު ހޯދުމުންވެސް ކުރީން ފެނުނު ދެމީހުން ކުރެ އެކަކު ވެސް ނުފެނުނެވެ. އެމީހުން މިހާރު އެއަރޕޯޓުން ނުކުތީ އެވެ. ކުރާނެ ކަމެއް ނެތެވެ. ގެއްލުނީ އެވެ.

މާޔޫސް ކަމާއި އެކު މާހިން ކައިރީގައި ހުރި ބެންޗެއްގައި އިށީނެވެ. މުޅީން ހިތްވަރު އެލިއްޖެ އެވެ. މާހިން ކަކުލުގައި އަތް ވިއްދާލަމުން ނިއްކުރީ ގައި އަތް ކާއްތާލި އެވެ. އެމީހާގެ މޫނުމަތީގައި އެހެރެ ސިފައަކީ މާހިންގެ ހިތުން ފިލާނެ ސިފައެއް ނޫނެވެ. އެ ބޮޑު ދެލޮލާއި ނޭފަތާއި މޫނުމަތީގެ ބައްޓަން ލޫނާއާއި ތަފާތެއް ނެތެވެ.
(ނުނިމޭ)