25 Apr 2014, 21:40
ހުޅުމާލެ ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.
އެކްސިޑެންޓްވި ހުޅުމާލޭ ފެރީން ދަތުރު ކުރި މީހަކު ސަން އަށް މައުލޫމާތުދެމުން ބުނީ މިރޭ 8:45 އެހައިކަންހާ އިރު އެކްސިޑެންޓު ހިނގާފައި ވަނީ "ކަނޑޫމާ ޕާޕަލް" ނަމަކަށް ކިޔާ ލޯންޗެއް އެއާޕޯޓަށް ގެސްޓުންތަކެއް ބޭލުމަށް ފަހު އެނބުރި އައިމަގުމަތީގައި ކަމަށެވެ.
އެސްޓީއޯ ތެޔޮރައްކާކުރާ ފުނަދޫއާ ދިމާލުން ހިނގި އެ އެކްސިޑެންޓުގައި ލޯންޗާއި ފެރީން ދަތުރު ކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓުގައި ގެއްލުންވި "ކަނދުމާ ޕާޕަލް" ލޯންޗު: ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ލޯންޗުގެ އަރިމަތީގެ ބިއްލޫރިތައް އެއްކޮށް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. އަދި ހުޅުމާލޭ ފެރީގެ ކޮޅުގައި ޖަހާފައި ހުރި ދަގަނޑު ބިންދައިގެން ގޮސްފައި ވަނީ. ފެރީގެ ކޮޅު އައިސް ވަނީ ލޯންޗުގެ އަރިމައްޗަށް،" ފެރީން ދަތުރު ކުރި މީހަކު ކިޔައިދިނެވެ.
ހާދިސާ ހިނގިވަގުތު ލޯންޗުގައި ތިބީ ތިން ފަޅުވެރިން އެކަނި ކަމަށާއި ފެރީގައި ގިނަ ބަޔަކު ތިބި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ އެންމެން މިހާރު މާލެ ގެނެސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ހުޅުމާލެއަށް ފެރީ ދަނިކޮށް އެކްސިޑެންޓް ހިނގީ. އެކްސިޑެންޓު ހިނގުމާ އެކު ވަގުތުން ފެރީން ދަތުރު ކުރި ހުރިހާ އެންމެން ވަނީ މާލެ ގެނެސްފައި،" އެމީހާ ބުންޏެވެ.

އެކްސިޑެންޓުގައި ގެއްލުންވި "ކަނދުމާ ޕާޕަލް" ލޯންޗު: ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން