ހައިކޯޓުގެ އަމުރާ ޚިލާފަށް މީހަކު ބަންދުން ދޫކޮށްލިކަމަށް ދެކެވޭ ވާހަކަތައް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ދޮގުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކުޑަކުއްޖަކު ލައްވައި ފައިސާއަށް ހަށިވިއްކުވުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެރަށު ޖަންބުގަސްދޮށުގޭ ސިޔާމް މުހައްމަދު ބަންދުން ދޫކޮށްލުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނީ ހައިކޯޓިގެ ނިންމުމާ ޚިލާފަށް ނޫންކަމަށެވެ.

ސިޔާމް ގޭބަންދަށް ބަދަލުކުރުމަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް އޭނާ ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ.

އެ އަމުރާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށް 24 ގަޑިއިރު ހަމަވުމުގެ ކުރިން ބަންދާ މެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ގެންދިޔައީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

ތިނަދޫ ކޯޓުގެ އޮފިޝަލް ވިދާޅުވީ ހައިކޯޓުން ނިންމާފައި ވަނީ ވިލިނގިލީ ކޯޓުން އޭނާ ގޭބަންދަށް ބަދަލުކުރިކުރިން ރަނގަޅުނޫން ކަމަށެވެ. އަދި އެ ކޯޓުގެ އަމުރަށް އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަކީ "ހައިކޯޓުގެ އަމުރުން ލާޒިމް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެ ކޯޓުގެ ގާޒީ އޭނާ ދޫކޮށްލަން ނިންމަވާފައި ވަނީ އާންމުކޮށް އަމަލުކުރާ އުސޫލުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ލައްވައި ފައިސާ އަށް ހަށިވިއްކުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖުމްލަ ހަތް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.