25 Apr 2014, 19:32
އުރީދޫ މޯލްޑިވްސް އިން މުޅި ދުނިޔެއަށް ފެންނަގޮތަށް ލައިވްކޮށް ގެނެސްދޭ "އަންގްސާނާ އިހުރުގެ" 24 ގަޑިއިރުގެ ޑައިވްގެ ސަބަބުން ފަރުތަށް ހިމާޔަތްކުރުމުގެ މުހިންމުކަން ވަރަށް ގިނަ ބަޔަކަށް އެނގިގެންދާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.
"ޓެން ޓު ޓެން ރަންނަމާރި ޝިޕް ވްރެކް" ގެ ނަމުގައި މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އަށް ކުރިޔަށް ގެންދާ 24 ގަޑިއިރުގެ ޑައިވް އިވެންޓް އުރީދޫ މޯލްޑިވްސްއިން މުޅި ދުނިޔެއަށް ފެންނަގޮތަށް ލައިވް ކުރާއިރު، އެ އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ތިބޭ ބަޔަކަށްވެސް ބަލާލެވޭނެ އެވެ.
އެހެންކަމުން ޑައިވް އަށް ނުދިޔަ ކަމުގައި ވިޔަސް ދިވެހިރާއްޖޭގެ ފަރުތަކުގެ ރީތިކަން ފެނި އެތަންތަން ހިމާޔަތް ކުރުމަކީ ކިހާވަރެއްގެ މުހިންމު ކަމެއް ކަމާއި އަދި އެ ފަރުތަކުގެ ރީތިކަން މުޅި ދުނިޔެއަށް ފެނިގެން ދާނެކަމަށް އުރީދޫ އިން ބުންޏެވެ.
އަންގްސާނާ އިހުރު ރިސޯޓުން ބުނީ މި އިވެންޓްގައި މާލޭގެ ދެ ޑައިވް ސްކޫލަކުން ބައިވެރިވެފައި ވާއިރު، އެ ރިސޯޓުގެ ހުރިހާ ޓޫރިސްޓުންނާއި އެ ރިސޯޓު ކައިރީގައި އޮންނަ އެހެން ރިސޯޓުތަކުގެ ޓޫރިސްޓުން ވެސް ބައިވެރިވާ ކަމަށެވެ.
މީގެ ކުރިންވެސް އުރީދޫ އިން މިފަދަ އިވެންޓެއް ގެނެސްދީފައި ވާއިރު އެ 50،000 މީހުން ވަނީ އެ އިވެންޓް ލައިވްކޮށް ބަލާފައެވެ. އަދި މިފަހަރުގެ ޑައިވް އުރީދޫ މެދުވެރިކޮށް ޔޫޓިއުބުން ލައިވްކޮށް 24 ގަޑިއިރު ދެއްކުމުން 100،000 އަށްވުރެ ގިނަ މީހުން އެ އިވެންޓް ބަލާނެކަމަށް ލަފާކުރެވޭ ކަމުގައި ވެސް އަންގްސާނާ ރިސޯޓުން ބުންޏެވެ.