މިދިޔަ އަހަރު ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނި ކުރި ނިސްބަތް ދެ ގުނައަަށް އިތުރުވެފައިވާ ކަމަށް ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމެލީ ކޯޓުން "ސަން"އަށް ހިއްސާ ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 62 ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނިކޮށްފައިވެ އެވެ. ނަމަވެސް އޭގެ ކުރީ އަހަރު، 2012ގައި ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނި ކުރި އަދަދު އުޅެނީ 30 ގަ އެވެ. އެ އަދަދާ އަޅާބަލާ އިރު، މިދިޔަ އަހަރު އެ އަދަދު 60 އެރުމަކީ އެ ފަދަ ކައިވެނި ރާއްޖޭގައި ދެ ގުނައަށް އިތުރުވުމެވެ.

ދިވެހިން އަންހެނުން ބިދޭސީންނާ އެންމެ ގިނައިން ކައިވެނިކޮށްފައި ވަނީ ރާއްޖެއިން ބޭރުގަ އެވެ. މިދިޔަ އަހަރު ދިވެހި އަންހެނުން ރާއްޖޭން ބޭރުގައި 42 ބިދޭސީ ކައިވެނިކޮށްފައިވެ އެވެ. އަދި އެ ކައިވެނިތައް ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ފެމެލީ ކޯޓަށް ހުށަހަޅާފަ އެވެ.

މިދިޔަ އަހަރު ފެމެލީ ކޯޓުގައި ބިދޭސީ ފިރިހެނުންނާއި ރާއްޖޭގެ އަންހެނުން ކުރި ކައިވެނީގެ އަދަދު އުޅެނީ 20 ގަ އެވެ. ފެމެލީ ކޯޓުން ބުނެފައިވާ ގޮތުގައި ދިވެހި އަންހެނުން ރާއްޖެ އަންނަ ބަންގުލަދޭޝް ފިރިހެނުންނާ ކައިވެނި ކުރާ ނިސްބަތް އިތުރުވަމުންދެ އެވެ. ނަމަވެސް އޭގެ ތަފްސީލުތަކެއް ފެމެލީ ކޯޓަކުން އަދި ހާމައެއް ނުކުރެ އެވެ.

ދިވެހި އަންހެނުން ބިދޭސީންނާ ކައިވެނި ކުރުން އިތުރުވަމުން ދިޔަ ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ އިން ރާއްޖެ އިން ބިދޭސީންނާ އިންނަނީ ދިވެހި ފިރިހެނުންނެވެ. އެގޮތުން މިދިޔަ އަހަރު ދިވެހި ފިރިހެނުން ވަނީ ބިދޭސީ 76 ކައިވެނިކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު އެ އަދަދު އުޅެނީ 71 ގަ އެވެ.

ދިވެހިން ބިދޭސީންނާ ކައިވެނި ކުރުން އިތުރުވަމުންދާއިރު އެފަދަ ކައިވެނިތަކުގައި އެންމެ ގިނައިން ވަރި ގިނަވަނީ ދިވެހި ފިރިހެނުން ކުރާ ބިދޭސީ ކައިވެނިތަކުގަ އެވެ. ނަމަވެސް އަންހެނުން ކުރާ ބިދޭސީ ކައިވެނިތަކުގެ ވަރީގެ ނިސްބަތް މަދެވެ.