އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ ފޯރި ގަދަކުރުމަށާއި މީޑިއާ މެދުވެރިކޮށް މުބާރާތް ޕްރޮމޯޓް ކުރުމަށާއި މުބާރާތާ ބެހޭ އެންމެ ފަހުގެ ހަބަރުތައް ވީހާ ވެސް ތާޒާކަމާ އެކު ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި "އެފްއޭއެމް މީޑިއާ ކޮމެޓީ ފޮ އޭއެފްސީ ޗެލެންޖް ކަޕް 2014"ގެ ނަމުގައި އެފްއޭއެމް އިން މިއަދު ކޮމެޓީއެއް އެކުލަވާލައިފި އެވެ.

މުބާރާތައް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާއި އެފްއޭއެމް އިން އަދި ކަނޑައަޅާ އިތުރު ބޭފުޅުންގެ އިތުރުން ރާއްޖޭގެ މީޑިއާގައި ކުޅިވަރު ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތެރިވާ ކުޅިވަރު ނޫސްވެރިންނެވެ. އެގޮތުން މިއަދު އެކުލަވާލި މީޑިއާ ކޮމެޓީގައި ހިމެނެނީ ރާއްޖެ ޓީވީގެ ހުސައިން ފަރިއާޒް އާއި ޓީވީއެމްގެ ހަފްސީ އަބްދުﷲ އާއި ހަވީރު އޮންލައިންގެ ހަސަން ޝިފާނާއި ސަން މީޑިއާގެ މުހައްމަދު ޝާން އާއި މޯލްޑިވްސް ސޮކާގެ ޝިމާޒް އަލީ އާއި ވީޓީވީގެ އިސްމާއިލް ޝާހް އާއި ދިޓީވީގެ މިހުސާ އަބްދުއްސައްތާރާއި އެމްވީ ޔީތްގެ އަލީ ޝާހިދު އަދި އެންއެމްގެ އައްޒާމް އަލީ އެވެ.

މީޑިއާ ކޮމެޓީގެ ބައްދަލުވުންތައް މިހާރު ފަށާފައިވާ އިރު، މި ކޮމެޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާފައި ވަނީ އެފްއޭއެމްގެ ހައުސްގަ އެވެ.

"މިކޮމެޓީ އަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދޭނަން. މަގްސަދަކީ މުބާރާތުގެ ތައްޔާރީތަކާއި ހުރިހާ މެޗެއްގެ މައުލޫމާތު މީޑިއާއި ގުޅިގެން ވަރަށް ފުރި ހަމަކޮށް ގެނެސްދިނުން. މުބާރަތް ކުރިއަށްދާނީ ރާއްޖޭގެ އެއްމެހާ ރައްޔިތުންނާއި ކުޅިވަރު ކޮމިއުނިޓީ އާއި މީޑިއާ ގުޅިގެން،" މީޑިއާ ކޮމެޓީ އެކުލަވާލުމަށް މިއަދު އެފްއޭއެމްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވި އެވެ.